މާލެ ސިޓީ ކައުންސިލް

މާލެ ސިޓީ ކައުންސިލް03 މެއި 2025


ކޮންމެ މިނިވަންކަމެއްގެ ވެސް ޙައްދެއް، ހުދޫދެއް އޮންނަންޖެހޭނެ: މޭޔަރ ޢާޒިމް

ކޮންމެ މިނިވަންކަމެއްގެ ވެސް ޙައްދެއް، ހުދޫދެއް އޮންނަންޖެހޭނެ ކަމަށް މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވިދާޅުވުވެއްޖެއެވެ.

މޭޔަރ ޢާޒިމް މިފަދައިން ވިދާޅުވީ، ބައިނަލްއަގުވާމީ ގޮތުން ފާހަގަގަ ކުރަމުން އަންނަ ނޫސްވެރިކަމުގެ ދުވަހާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

މޭޔަރ ޢާޒިމް ވިދާޅުވީ މިނިވަން ނޫސްވެރިކަމަކީ ޑިމޮކްރަސީގެ ހަތަރު ވަނަ ބާރު ކަމަށާއި ކޮންމެ މިނިވަންކަމަކާއެކު ޒިއްމާތަކެއް ވެސް އޮތްކަން، ނޫސްވެރިން ވެސް ހަނދާންކުރަން ޖެހޭނެ ކަމަށެވެ. އަދި ކޮންމެ ޤައުމެއްގެ ވެސް، މިނިވަންކަމުގެ ރަމްޒު ކަމުގައިވާ ގައުމީ ދިދަ، ދަނޑިއަށް ނަގާފައި ހުންނައިރު، ދިދައިގެ ހަތަރު ކަނުން، ދެ ކަން އައްސައި، އަނެއް ދެ ކަން ވަޔާ ވިހުރެން ދޫކޮށްފަ ހުންނަ ހުރުމުން އަންގައިދެނީ، ކޮންމެ މިނިވަންކަމެއްގެ ވެސް ޙައްދެއް، ހުދޫދެއް އޮންނަންޖެހޭނެ ކަމަށް ވެސް މޭޔަރ ޢާޒިމް ވިދާޅުވިއެވެ.

މޭޔަރ ޢާޒިމް ވިދާޅުވީ، ހައްދެއް ހުދޫދެއް ނެތް މިނިވަންކަމަކުން، މިނިވަންކަމުގެ ޙަޤީޤީ އިހުސާސެއް ނުކުރެވޭނެ ކަމަށެވެ. އަދި މި ހަމައިން ވިސްނައި ނޫސްވެރިންނަށް ލިބުނު މިނިވަންކަމުގެ ބޭނުން ހެޔޮގޮތުގައި، ޒިއްމާދާރު ކަމާއެކު ހިފުމަށް ދިވެހި ހުރިހައި ނޫސްވެރިންނަށް މޭޔަރ ޢާޒިމް ވަނީ އިލްތިމާސްކުރައްވައިފައެވެ.

ބައިނަލްއަގުވާމީ ގޮތުން ފާހަގަ ކުރަމުން އަންނަ ނޫސްވެރިކަމުގެ ދުވަހަކީ ކޮންމެ އަހަރެއްގެ ވެސް މެއި މަހުގެ 3 ވަނަ ދުވަހެވެ.