މާލެ ސިޓީ ކައުންސިލް

މާލެ ސިޓީ ކައުންސިލް05 މެއި 2025


ރަސްފަންނުގެ މޫދުގެ އުރަފަށު ކައިރީ މޫދަށް އެރޭ ސަރަޙައްދު ބޮއި އަޅައި ވަކިކުރަނީ

ރަސްފަންނު މޫދު ސަރަހައްދުގެ (އުރަފަށު ކައިރިއަށް) މޫދަށް އެރޭ ފަރާތްތަކާއި ޑައިވު ކުރާ ފަރާތްތަކަށް ރައްކާތެރިކަން ކަށަވަރުކުރުމަށް، މާލެ ސިޓީ ކައުންސިލުން، މޯލްޑިވްސް ޕޮލިސް ސަރވިސްގެ މެރިން ޕޮލިހުންނާއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.

ހޯމަ ދުވަހު، ކައުންސިލް އިދާރާގައި އޮތް މި މަޝްވަރާ ބައްދަލުވުމުގައި، ދެ ފަރާތުން ވާހަކަ ދެކެވުނު ކަންތައްތަކުގެ ތެރޭގައި ކަނޑު އުޅަނދު ފަހަރު ދަތުރުކުރުމުގައި ރަސްފަންނު ކަނޑު ތޮއްޓާ ކައިރި ކުރެވޭނެ ދުރުމިނެއް ކަޑައަޅައި، އެ ސަރަހައްދު ވަކިކުރުމަށް ވަނީ މަޝްވަރާ ކުރެވިފައެވެ. އަދި މޫދަށް އެރޭ ފަރާތްތަކާއި އުޅަނދު ފަހަރު ދުއްވާ ފަރާތްތަކަށް، އެ ސަރަހައްދު ކަނޑުތޮއްޓާއި ކައިރި ކުރުމަކީ ރައްކާތެރިކަމެއް ނޫންކަން ހަދާންކޮށް ދިނުމުގެ ގޮތުން، ސައިންބޯޑުތަކެއް ހަރުކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

މި މަޝްވަރާ ބައްދަލުވުމުގައި ފާހަގަ ކުރި އިތުރު ކަންތައްތަކުގެ ތެރޭގައި، އެ ސަރަހައްދު ބޭނުން ކުރާ ފަރާތްތަކަށް، އެ ސަރަހައްދާއި ކައިރި ކުރުމަކީ ނުރައްކާ ތެރި ޙާދިސާއެއް ހިނގާފާނެ ކަމެއްކަން އަންގައިދި ހޭލުންތެރިކުރުމަށް ޓަކައި، އުޅަނދު ފަހަރު ބޭނުން ކުރާ ފަރާތްތަކަށް ލީފުލެޓެއް ބެހުމަށް ވެސް ވަނީ ނިންމާފައެވެ. އަދި މަސް ބާނަން ދޮށި އުކާ ފަރާތްތަކުން، މީހުން މޫދަށް އެރިއުޅޭ ވަގުތު ތަކުގައި، އެ ސަރަހައްދަށް ދޮށި އުކުމަކީ ރަނގަޅުކަމެއް ކަމުގައި ނުވާތީ، އެ ފަރާތްތަކަށް އެ ކަން އެންގުމަށް ވެސް މަޝްވަރާ ކުރެވުނެއެވެ.

މި މަޝްވަރާ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މޭޔަރ އާދަމް ޢާޒިމް ވިދާޅުވީ، މޫދަށްއެރޭ ފަރާތްތަކާއި ޑައިވްކުރާ ފަރާތްތައް، މޫދަށް އެރެންޖެހޭ ސަރަހައްދު ވަކި ކުރަން، ކަނޑު ތޮށިން ފެށިގެން ބޭރަށް، 15 މީޓަރަށް ބޮއި އަޅައި އެ ސަރަހައްދު ވަކިކުރުމަށް މިހާރު ބަޔަކާ ހަވާލުކޮށްފައި ވާކަމަށެވެ. އަދި މިހާރު މަސްބާނަން ތިބޭ ތަނަކީ މީހުން މަޑުކޮށްލަން ހަދައިފައިވާ ތެނެއްކަމުން މަސްބާނަން ތިބޭނެތަނެއް ހެދުމަށް ޓެންޑަރ ކުރުމުގެ މަސައްކަތް ކުރަމުންގެންދާ ކަމަށް ވެސް މޭޔަރ ޢާޒިމް ވިދާޅުވިއެވެ.