އިންޑިއާގެ "ބެޓްލް އޮފް ދަ ބޭންޑްސް އިންޓަނޭޝަނަލް"ގެ ދެވަނަ ރަނަރަޕް އެވޯޑާ އެކު ރާއްޖެ އަށް ރީތި ނަން ހޯދައިދިން "ޓޫ އޮފް އަސް" ބޭންޑަށް މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ހޫނު މަރުހަބާއެއް ދަންވައިފިއެވެ.
ޓޫ އޮފް އަސްގެ ބޭންޑަށް މޭޔަރ ޢާޒިމް މަރުހަބާ ދެންނެވީ، މުބާރާތަށް ފަހު ހޯމަ ދުވަހުގެ މެންދުރު އެ ބޭންޑް ރާއްޖެ އައުމުން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.
ޓޫ އޮފް އަސް ބޭންޑާ ބައްދަލުކުރައްވައި މޭޔަރ ޢާޒިމް ވިދާޅުވީ، މި ފަދަ ބޮޑު މުބާރާތެއްގައި ޓޫ އޮފް އަސްގެ ބޭންޑުން ހޯދި ކާމިޔާބީއަކީ، ރާއްޖެއަށް ހޯދައިދިން ރީތި ނަމަކާއި ޝަރަފެއް ކަމަށެވެ. އަދި މާލެ ސިޓީގެ މޭޔަރގެ ހައިސިއްޔަތުން މި މުބާރާތުގައި ވާދަކުރުމަށް ޓޫ އޮފް އަސް ބޭންޑަށް އެހީތެރިވި ކަމަށާއި ކުރިއަށް އޮތްތަނުގައި މި ފަދަ އެކިއެކި މުބާރާތް ތަކުގައި ވާދަކުރާ ޒުވާނުންނަށް މާލެ ސިޓީ ކައުންސިލުން ދެވެން އޮތް އެހީތެރިކަމެއް ދެއްވާނެ ކަމަށް މޭޔަރ ޢާޒިމް ވިދާޅުވިއެވެ.
މޭޔަރ ޢާޒިމް ވިދާޅުވީ، ކޮންމެ ކަމެއްގައި ވެސް އެންމެން ގުޅިގެން މަސައްކަތް ކޮށްގެން ނޫނީ ޤައުމެއް ކުރިއަކަށް ނުގެންދެވޭނެ ކަމަށާއި ޤައުމުގެ ޒުވާނުން ކުރިއަށް ގެންދިއުމަށް މާލެ ސިޓީ ކައުންސިލުން އަބަދު ވެސް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ޚާއްޞަކޮށް މާލެ ސިޓީއަކީ ގިނަ ޒުވާނުންތަކެއް ދިރިއުޅޭ ތަނަކަށް ވުމުން، ޒުވާނުން ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށް ވެސް މޭޔަރ ޢާޒިމްގެ ވާހަކަ ފުޅުގައި ފާހަގަކުރެއްވިއެވެ.
މި މުބާރާތުގައި ޓޫ އޮފް އަސް ބޭންޑް މުޅިންހެން ފެނިފައި ވަނީ، ދިވެހިރާއްޖޭގެ ސަޤާފަތާއި ދިވެހީންގެ އާދަކާދައިގެ ވާހަކަތަކުގެ މައްޗަށްކަން ފާހަގަ ކުރެވުނެއެވެ. މި ބޭންޑުގައި ޖުމްލަ ފަސް މެމްބަރުން ހިމެނެއެވެ.
މޭޔަރ ޢާޒިމްގެ އިތުރުން ޓޫއޮފްއެސް ބޭންޑަށް މަރުހަބާ ދެންނެވުމަށް، ހުޅުމާލެ ދާއިރާގެ ކައުންސިލަރު އަލީ އައިމަން ވެސް އެއާޕޯޓަށް ވަޑައިގެންނެވިއެވެ.