މާލެ ސިޓީ ކައުންސިލް

މާލެ ސިޓީ ކައުންސިލް10 މެއި 2025


‏ކުޑަ ކުދިންނަކީ މުޖުތަމަޢުގައި ޚާއްޞަ ލޯތްބަކާއި އަޅައިލުމާއި ރައްކާތެރިކަން ދޭން ޖެހޭ ބައެއް: މޭޔަރ ޢާޒިމް

ކޮންމެ ޤައުމެއްގައި ވެސް، ކުޑަ ކުދިންނަކީ މުޖުތަމަޢުގައި ޚާއްޞަ ލޯތްބަކާއި އަޅައިލުމާއި ރައްކާތެރިކަން ދޭން ޖެހޭ ބައެއް ކަމަށް، މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވިދާޅުވެއްޖެއެވެ.

މޭޔަރ ޢާޒިމް މި ފަދައިން ވިދާޅުވީ، ދިވެހިރާޖޭގައި މިއަދު ފާހަގަ ކުރަމުން އަންނަ ކުޑަ ކުދިންގެ ދުވަހާ ގުޅިގެން އެ މަނިކުފާނުގެ އަމިއްލަފުޅު ސޯޝަލް މީޑިއާގެ އެކައުންޓްތަކުގައި ޙިއްޞާ ކުރެއްވި ފޯސްޓެއްގައެވެ.

މޭޔަރ ޢާޒިމް ވިދާޅުވީ، ދިވެހި މުޖުތަމަޢަކީ ކުޑަ ކުދިންނަށް ލޯތްބާއި އަޅައިލުންދީ، އެ ކުދިންގެ ޙިމާޔަތާއި ރައްކާތެރިކަމަށް މަސައްކަތް ކުރާ މުޖުތަމަޢެއް އޮތް ޤައުމެއް ކަމަށާއި އެކަން އުފަލާއެކު ފާހަގަކުރާ ކަމަށެވެ. މިހެން ދެންނެވި ނަމަވެސް، ކުޑަ ކުދިންނާ މެދު އިޙުމާލުވެ، އިހާނެތިކޮށް ކަންތައްކުރާ ކަމުގެ ޚަބަރު، ކޮންމެ ވެސް ވަރަކަށް ލިބޭކަން، ހިތާމައާއެކު ފާހަގަ ކުރާ ކަމަށް ވެސް، މޭޔަރ ޢާޒިމް ވިދާޅުވިއެވެ.

" މި އަދުގެ ކުޑަ ކުދިންނަކީ، އަންނަން އޮތް މުސްތަޤުބަލް ބައްޓަން ކުރާނެ މޭސްތިރިންކަން ދަނެގެން، އަޅުގަނޑުމެންގެ އަމިއްލަ ދަރިންނަށް ނުވި ކަމުގައި ވިޔަސް، އެ ކުދިންނަށް ލޯބި ދީ އެ ކުދިން، ހަރުދަނާ ގޮތުގައި ތަރުބިއްޔަތުކުރުމަށް އެހީތެރިވުމަށް، ދިވެހި ލޮބުވެތި ރައްޔިތުންގެ އަރިހުން އަޅުގަނޑު އެދެން." މޭޔަރ ޢާޒިމް ވިދާޅުވިއެވެ.

މީގެ އިތުރުން މޭޔަރ ޢާޒިމް ވަނީ ކުޑަ ކުދިންގެ ދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާ، ދިވެހި ލޮބުވެތި ކުޑަ ކުދިންނަށާއި އެ ކުދިންގެ ލޭފަވެތި މައިން ބަފައިންނަށް ފޮނުވައިފައެވެ.

ރާއްޖޭގައި ކުޑަކުދިންގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރަމުން އަންނަނީ، ކޮންމެ އަހަރެއްގެ ވެސް މެއި މަހުގެ 10ވަނަ ދުވަހެވެ.