ޤައުމީ ފެންވަރުގައި ފާހަގަކުރާ ކުޑަ ކުދިންގެ ދުވަހާ ގުޅިގެން، ދިވެހިރާއްޖޭގެ ގުޅުން ޕްރައިވެޓް ލިމިޓެޑް، ދިރާގުގެ ދީލަތި އެހީއާއެކު، މާލެ ސިޓީ ކައުންސިލުން، ގަލޮޅު މަދަރުސާގައި ކުޑަކުދިންގެ ހަވީރެއް ބާއްވައިފި އެވެ.
މި ހަވީރު ބައްލަވައި ލެއްވުމަށް، މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމާއި ޑެޕިއުޓީ މޭޔަރ މުޙައްމަދު އަރީޝްގެ އިތުރުން، ގަލޮޅު ދެކުނު ދާއިރާގެ ކައުންސިލަރު އިބުރާހިމް މުހައްމަދާއި ގަލޮޅު މެދު ދާއިރާގެ ކައުންސިލަރު މަރިޔަމް ރީހާން ނާޡިމާއި މައްޗަންގޯޅި އުތުރުދާއިރާގެ ކައުންސިލަރު ސަޢީދާ ރަޝާދާއި ހުޅުމާލެ ދާއިރާގެ ކައުންސިލަރު ޢަލީ އައިމަނާއި މާލެ ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސާ މަރިޔަމް ޝިމާޒާއި ކޮމިޓީގެ ބައެއް މެންބަރުންގެ އިތުރުން، ގަލޮޅު މަދަރުސާގެ ވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.
މޭޔަރ ޢާޒިމާއި ޑެޕިއުޓީ މޭޔަރ އަރީޝް ވަނީ، އެ ސްކޫލްގައި، ދުވަހާ ގުޅިގެން ތައްޔާރުކޮށްފައި ހުރި އެކި އެކި ސްޓޯލްތައް ވެސް ބައްލަވައިލައްވައިފައެވެ. އަދި މި ހަވީރުގައި ދަރިވަރުންގެ ފަރާތުން ހުށަހަޅައިދިން ސްޓޭޖް ހަރަކާތްތައް ވެސް މި ބޭފުޅުން ބައްލަވައިލެއްވިއެވެ.
މީގެ އިތުރުން، މާލެ ސިޓީ ކައުންސިލުން ގަލޮޅު މަދަރުސާގައި ތަރައްޤީ ކުރި ލައިބްރަރީ ވެސް ވަނީ ހުޅުވައިފައެވެ. މި ލައިބްރަރީއަށް ފޮތް ހަދިޔާކޮށްދެއްވާފައި ވަނީ ނޮވެލްޓީ ބުކްޝޮޕްގެ ފަރާތުންނެވެ.
ލައިބްރަރީ ހުޅުވައިދެއްވުމަށް ފަހު މޭޔަރ ޢާޒިމާއި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި ކައުންސިލަރުން ވަނީ، އެ ސްކޫލްގެ ދަރިވަރުންނާއެކު، ލައިބްރަރީގައި ވަގުތު ކޮޅެއް ހޭދަކުރައްވައިފައެވެ.
ކޮންމެ އަހަރެއްގެ ވެސް މެއި މަހުގެ 10ވަނަ ދުވަސް، ދިވެހިރާއްޖޭގައި ފާހަގަކުރަނީ ކުޑަ ކުދިންގެ ދުވަހުގެ ގޮތުގައެވެ. މި ދުވަހުގެ މުނާސަބަތުގައި މާލެ ސިޓީގެ މޭޔަރ ޢާޒިމް ވަނީ، އެ މަނިކުފާނުގެ ރަސްމީ 'އެކްސް' އެކައުންޓުގައި ދުވަހާ ގުޅޭ، ޚާއްޞަ މެސެޖެއް ޙިއްޞާކުރައްވައިފައެވެ.