މާލެ ސިޓީ ކައުންސިލް

މާލެ ސިޓީ ކައުންސިލް 12 މެއި 2025


މައިންނަށް ދެވިފައި ވަނީ ވަރަށް މަތިވެރި ގަދަރަކާއި ލޯތްބެއް: މޭޔަރ ޢާޒިމް

މައިންނަށް ދެވިފައި ވަނީ ވަރަށް މަތިވެރި ގަދަރަކާއި ލޯތްބެއް ކަމަށް މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވިދާޅުވެއްޖެއެވެ.

މޭޔަރ ޢާޒިމް މި ފަދައިން ވިދާޅުވީ، މަންމައިންގެ ދުވަހާ ގުޅިގެން، އެ މަނިކުފާނުގެ އަމިއްލަފުޅު ސޯޝަލް މީޑިއާގެ އެކައުންޓްތަކުގައި ޙިއްޞާ ކުރެއްވި ފޯސްޓެއްގައެވެ.

މޭޔަރ ޢާޒިމް ވިދާޅުވީ މަންމައަކަށް ވުމަކީ، އިންސާނަކަށް ލިބޭނެ އެންމެ މަތިވެރި ނަސީބު ކަމަށެވެ. އަދި އެންމެ ހެޔޮކޮށް ހިތަންވީ މަންމައަށް ކަމާއި މަންމަގެ ރުހުމާ ނުލައި، ސުވަރުގެ ނުވަދެވޭނެކަން އަންގަވައިފައި ވުމުން، މަންމައަށް ޚާއްޞަވެފައިވާ މަތިވެރި ދަރަޖަ ވަރަށް ރަނގަޅަށް ވަޒަންކުރެވޭ ކަމަށް ވެސް މޭޔަރ ޢާޒިމް ވިދާޅުވިއެވެ.

" އަޅުގަނޑުމެންގެ ހިތުގައި މައިންނަށް ދެވިފައި ވަނީ ވަރަށް މަތިވެރި ގަދަރަކާއި ލޯތްބެއް." މޭޔަރ ޢާޒިމް ވިދާޅުވިއެވެ.

މޭޔަރ ޢާޒިމް ވިދާޅުވީ، އިސްލާމީ މި ދިވެހި މުޖުތަމަޢުގައި މައިންބަފައިންނަށް ވަނީ ޚާއްޞަ ގަދަރެއް ދެވިފައި ކަމަށާއި ގިނަ ކުދިން ހޯދައި، އެކުދިން ބަލައި ތަރުބިއްޔަތުކޮށް ބޮޑުކުރީ، ވަރަށް ދަތި ޙާލުގައި، ވަރަށް ލޯބިން ކަމަށެވެ. އަދި މައިން ވެފައިވަނީ ވަރަށް ބޮޑު ގުރުބާނީއެއް ކަމަށާއި އެކަން ދިވެހި މުޖުތަމަޢު އަބަދު ވެސް ޤަބޫލުކުރާނެ ކަމަށް ވެސް މޭޔަރ ޢާޒިމްގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން މޭޔަރ ޢާޒިމް ވަނީ މަންމައިންގެ ދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާ، ދިވެހި ލޮބުވެތި ހުރިހައި މައިންނަށް އަރިސްކުރައްވާފައެވެ.

ބައިނަލްއަޤްވާމީ ގޮތުން މަންމައިންގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރަނީ، ކޮންމެ އަހަރެއްގެ މެއި މަހުގެ 11 ވަނަ ދުވަހުއެވެ.