ޗައިނާގެ ފޫޖޯ ސިޓީގައި މިހާރު ކުރިއަށްދާ ޖަންކާއޯ ޓެކްނޮލޮޖީ ވާރކްޝޮޕް 2025 ގައި މާލެ ސިޓީ ކައުންސިލުން ބައިވެރިވެއްޖެ އެވެ.
މި ވާރކްޝޮޕްގައި، މާލެ ސިޓީ ކައުންސިލުން ބައިވެރިވެވަޑައިގަންނަވަނީ، މާފަންނު ހުޅަނގު ދާއިރާގެ ކައުންސިލަރ، އިބުރާހިމް އަބޫބަކުރާއި، މާފަންނު ދެކުނު ދާއިރާގެ ކައުންސިލަރު ހަސަން ނިޘާމެވެ.
ޔުނައިޓެޑް ސިޓީސް އެންޑް ލޯކަލް ގަވަމެންޓްސް އޭޝިއާ ޕެސިފިކުން އިންތިޒާމް ކޮށްގެން، މެއި މަހުގެ 10 އަކުން 21 ވަނަ ދުވަހުގެ ނިޔަލަށް ކުރިޔަށް ގެންދާ މި ވާރކްޝޮޕްގައި ބައިނަލްއަޤްވާމީ މަންދޫބުންނާއި، ދިރާސާކުރާ ފަރާތްތަކާއި، އަދި ސިޔާސަތު ކަނޑައަޅާ ފަރާތްތަކުން ބައިވެރިވަޑައިގެންނަވައެވެ.
މި ވާރކްޝޮޕްގައި ބައިވެރިންނަށް، ޖަންކާއޯއާ ގުޅުންހުރި ޓެކްނޮލޮޖީގެ މަޢުލޫމާތު ފޯރުކޮށްދިނުމަށް ހަމަޖެހިފައި ވަނީ އެކަމާ ގުޅޭ ތަޖުރިބާކާރުންގެ ލެކްޗަރ ތަކާއި، އަމަލީ ތަޖުރިބާ ލިބޭ މަސައްކަތްތަކުގެ އިތުރުން ޚާއްޞަ ހަރަކާތްތަކުގައި ބައިވެރިވެގެންނެވެ.
މި ވާރކްޝޮޕްގެ މަޤްޞަދަކީ، ޖަންކާއޯ ޓެކްނޮލޮޖީ ކުރިއެރުމާއި، އެ ޓެކްނޮލޮޖީގެ ބޭނުންކޮށްގެން ކާބޯތަކެތީގެ ރައްކާތެރިކަމާއި، ތިމާވެށި ހިމާޔަތްކުރުމާއި، އަދި ސާފު ހަކަތައިގެ ދާއިރާތަކުގައި ބޭނުންކުރެވޭނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާކޮށް ޚިޔާލު ބަދަލުކުރުމެވެ.
12 ދުވަހުގެ މުއްދަތަކަށް ކުރިޔަށް ގެންދާ މި ވާރކްޝޮޕްގެ، ބައެއްގެ ގޮތުން، ކައުންސިލަރ ނިޘާމާއި ކައުންސިލަރ އިބްރާހިމް އަބޫބަކުރު ވަނީ، ބައިނަލްއަޤްވާމީ ބައިވެރިންނަށް އިންތިޒާމުކުރެވިފައިވާ ސަގާފީ ދަތުރެއްގައި ވެސް ބައިވެރިވެވަޑައިގަނެފައެވެ.
މި ދަތުރުން ބައިވެރިންނަށް، ޗައިނާގެ ތަރިކަ ތަޖުރިބާކުރުމާއި، އެކި ސަގާފަތްތަކުގެ މެދުގައި އޮންނަ އެއްބައިވަންތަކަން އިތުރުކުރުމުގެ ފުރުޞަތު ލިބި، ވާރކްޝޮޕުން، ބައިނަލްއަޤްވާމީ ރޫޙު އިތުރަށް ފުޅާވެގެން ދިޔައެވެ.
މިއީ، މި ފަދަ ވާރކްޝޮޕެއްގައި މާލެ ސިޓީ ކައުންސިލުން ބައިވެރިވާ ފުރަތަމަ ފަހަރު ވެސް މެއެވެ.