މާލެ ސިޓީ ކައުންސިލް

މާލެ ސިޓީ ކައުންސިލް 12 މެއި 2025


ޔުނައިޓެޑް ނޭޝަންސްގެ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކަށް އަހުލުވެރިކުރުމަށް ޓްރެއިނިންގ ސެޝަނެއް ބާއްވައިފި

ޔުނައިޓެޑް ނޭޝަންސްގެ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކަށް މާލެ ސިޓީ ކައުންސިލްގެ މުއައްޒަފުން އަހުލުވެރި ކުރުމަށް ޓްރެއިނިންގ ސެޝަނެއް ބާއްވައިފިއެވެ.

މާލެ ސިޓީ ކައުންސިލާއި ޔުނައިޓެޑް ނޭޝަންސް އެކޮނޮމިކްސް އެންޑް ސޯޝަލް ކޮމިޝަން ފޯ އޭޝިއާ ޕެސިފިކް އާއި (ޔުނެސްކެޕް) އާއި ގުޅިގެން 26 އޭޕްރިލް 2025 ވަނަ ދުވަހު ސޮލައިޓް ގައި ބޭއްވި މި ވާރކްޝޮޕް ކުރިޔަށް ގެންގޮސް ދެއްވީ ޔުނެސްކެޕްގެ ކޮންސަލްޓެންޓް ނަޝީދު ތޯހާއެވެ.

މި ޓްރެއިނިންގް ސެޝަން ފައްޓަވައި ދެއްވައި މާލެ ސިޓީގެ މޭޔަރ އާދަމް އާޒިމް ވިދާޅުވީ، މި ސެޝަނުގެ މައިގަނޑު ބޭނުމަކީ، ޔުނައިޓެޑް ނޭޝަންސްގެ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކަށް މާލެ ސީޓީކައުންސިލްގެ މުއައްޒަފުންނާއި އެކި މުއައްސަސާތައް އަހުލުވެރިކުރުވުން ކަމަށެވެ.

މި ގޮތުން އެ މަނިކުފާނު ވިދާޅުވީ މާލެ ސިޓީގެ ކައުންސިލަރުންނާއި ވެރިންނާއި ހުރިހައި މުއައްޒަފުން، ފޯރިއާއި ޖޯޝާއެކު މަސައްކަތްކުރަމުން މި ދަނީ، މާލެ ސީޓީގައި ދިރިއުޅުއްވާ ރައްޔިތުންނަށް ހުރިހައި ގޮތަކުން ރަނގަޅު ފުރިހަމަ އަވަސް ޚިދުމަތްތަކެއް ދިނުމަށްކަމަށެވެ.

''ޝައްކެއްނެތް މާލެ ސިޓީއަކީ ވަރަށް ގިނަ އިޖުތިމާޢީ މައްސަލަތައް ހުރި ސިޓީއެއް. މި ސިޓީގައި ހުރި މި ފަދަ މައްސަލަތައް، ސަރުކާރުގެ ކަމާގުޅުންހުރި މުއައްސަސާތަކާ ގުޅިގެން، ޙައްލުކުރުމުގެ މަސައްކަތް، މާލެ ސިޓީ ކައުންސިލުން އަބަދަ ވެސް ކުރަމުންދާނެ. މި ސެޝަންތަކަކީ ވެސް އެ ކަމަށް މަގުފަހިކުރުމަށް ކުރެވޭ މަސައްކަތެއް'' މޭޔަރ ޢާޒިމް ވިދާޅުވިއެވެ.

މޭޔަރ ޢާޒިމް ވިދާޅުވީ މާލެ ސިޓީކައުންސިލް، އެހެން މޭޔަރަކާ އެ މަނިކުފާނު ޙަވާލުކުރައްވާނީ، މިހާރު މާލެ ސިޓީ ކައުންސިލް މި އޮތްވަރަށް ވުރެ ހުރިހައި ގޮތަކުން ރަނގަޅު ތަނަކަށް ހައްދަވާފަކަމަށެވެ.

މި ޓްރެއިނިންގ ސެޝަންގައި މާލެ ސިޓީގެ މެޔަރ އާދަމް އާޒިމާއި، ޑެޕިއުޓީ މޭޔަރ މުޙައްމަދު އަރީޝްގެ އިތުރުން ކައުންސިލަރުންނާއި، މާލެ ސިޓީ ކައުންސިލްގެ އިސް ވެރިންގެ އިތުރުން މުއައްޒަފުން ވަނީ ބައިވެރިވެފައެވެ.