ފޮޓޯ:ކައުންސިލް

ކައުންސިލް ޕްރެސް23 ފެބްރުއަރީ 2022


މާލެ ސިޓީ ކައުންސިލްގެ އަހަރީ ދުވަސް ކަނޑައަޅައިފި

މާލޭސިޓީ ކައުންސިލުގެ އަހަރީ ދުވަހުގެ ގޮތުގައި ފާހަގަކުރާނެ ދުވަހެއް ކަނޑައެޅުމާމެދު ކައުންސިލްގެ 4 ވަނަ ދައުރުގެ 41 ވަނަ ރަސްމީ އާއްމު ޖަލްސާގައި މަޝްވަރާކޮށް ވަނީ ގޮތެއް ނިންމާފައެވެ.

އެގޮތުން މިއަދުގެ ޖަލްސާގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އިއްތިފާޤުން ފާސްކޮށްފައިވަނީ 2022 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު މާލެ ސިޓީ ކައުންސިލްގެ އަހަރީ ދުވަހުގެ ގޮތުގައި ޖުލައި މަހުގެ 03 ވަނަ ދުވަސް ފާހަގަކުރުމަށެވެ.

މާލެ ސިޓީ ކައުންސިލްގެ އަހަރީ ދުވަހެއް ރަސްމީކޮށް ކަނޑައެޅުމަށް މޭޔަރު މުޢިއްޒު ނިންމެވި ސަބަބަކީ ދިވެހި ރާއްޖޭގެ ވެރިކަންކުރާ ރަށް، ފުރަ މާލެއަށް ސިޓީއެއްގެ މަޤާމު ޤާނޫނީ ގޮތުން ލިބުމުގެ ކުރިން މާލޭގެ އިޖުތިމާޢީ ބެލެނިވެރިޔަކީ މާލޭ މުނިސިޕަލްޓީ ކަމަށް ވެފައި، މާލެ ސިޓީއަކަށް ބަދަލުކުރައްވައި ފަހުން ނިޒާމަށް އައި ބަދަލުތަކުގައި މިހާރު އެ ދައުރު އަދާކުރައްވަނީ މާލެ ސިޓީ ކައުންސިލް ކަމަށް ވާތީ އާއި، އެހެންކަމުން މި ދެބައި ގުޅާލައިގެން، ދައުލަތުގެ ފަރާތުން މި ޚިދުމަތް މާލޭގެ ރައްޔިތުންނަށް އެންމެ ފުރަތަމަ ދެއްވަން ފެށްޓެވި ދުވަހެއް ދެނެގަތުން މުހިންމުކަމަށް މޭޔަރ ދެކެވަޑައިގަންނަވާތީއެވެ.

މިކަމާއި ގުޅިގެން މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގެންނެވި ކައުންސިލަރުން ވަނީ ސަރުކާރުގެ އެހެން މުއައްސަސާ ތަކެކޭ އެއްފަދައިން މާލެ ސިޓީ ކައުންސިލުންވެސް އަހަރީ ދުވަހެއްކަނޑައެޅުމަކީ މުހިންމު ކަމެއް ކަމަށް އިއްތިފާޤުވެފައެވެ.

މާލެ ސިޓީ ކައުންސިލްގެ ތާރީޚަށް ނަޒަރު ހިންގާލާއިރު، މުނިސިޕަލް ޚިދުމަތް ދިނުމަށް ޓަކައި ދައުލަތުން އެންމެ ފުރަތަމަ އުފެއްދެވި މުއައްސަސާއަކީ "މުނިސިޕަލްޓީ" އެވެ. މި މުއައްސަސާ އުފައްދަވާފައިވަނީ އައްސުލްޠާނު މުޙަންމަދު ފަރީދުލްއައްވަލުގެ ރަސްކަމުގައެވެ.

މުނިސިޕަލްޓީ އުފެއްދުމަށް ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅުއްވައި 1 ޖުލައި 1956ގައި އެ ބިލް މަޖިލީހުން ފާސްކުރެއްވުމުން މި ބިލް ތަޞްދީޤުކުރައްވައި، މުނިސިޕަލްޓީ އުފެއްދެވީ 3 ޖުލައި 1956ގައެވެ. މުނިސިޕަލްޓީގެ ފުރަތަމަ ރައީސަކީ އޭރުގެ ވަޒީރުލްއަޢުޡަމް އިބްރާހީމް ނާޞިރެވެ.