ލޯކަލް ގަވަރމަންޓް ލާމަރުކަޒީކުރުމުގެ އުސޫލުން ސިޓީ ފެންވަރުގައި ހަދާ ފުރަތަމަ ވޮލަންޓަރީ ލޯކަލް ރިވިއު (ވީއެލްއާރް) ހެދުމުގެ މަސައްކަތް ކުރިޔަށްގެންގޮސްފިއެވެ.
ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް (އެސްޑީޖީސް) ހާސިލްކުރުމަށް، މާލެ ސިޓީ ކައުންސިލުން އިސްނަގައިގެން، ލޯކަލް ގަވަންމެންޓްސް ފޯ ސަސްޓެއިނަބިލިޓީ (އައިސީއެލްއީއަސި) އާއި ޔުނައިޓެޑް ނޭޝަންސް އެކޮނޮމިކް އެންޑް ސޯޝަލް ކޮމިޝަން ފޯ އޭޝިއާ ޕެސިފިކް (ޔުނެސްކެޕް) އާއި ގުޅިގެން ދެ ދުވަހުގެ މުއްދަތަށް ކުރިޔަށް ގެންދިޔަ މި ވާރކްޝޮޕްގައި މާލެ ސިޓީގެ މޭޔަރ އާދަމް އާޒިމް އާއި، ޑެޕިއުޓީ މޭޔަރ، މުޙައްމަދު އަރީޝް ބައިވެރިވެ ވަޑައިގެންނެވިއެވެ.
އަދި މީގެ އިތުރުންވެސް މަދަނީ ޖަމްއިއްޔާތަކާއި ސަރުކާރުގެ އިދާރާތަކާއި ޒުވާނުންގެ ޖަމްއިއްޔާތަކާއި އަދި ފަންނީ މާހިރުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މި ވާރކްޝޮޕަކީ ފުރަތަމަ ފަހަރަށް ރާއްޖޭގެ ވޮލަންޓަރީ ލޯކަލް ރިވިއު (ވީއެލްއާރު) ހެދުމުގެ މަޤްޞަދުގައި މާލެ ސިޓީ ކައުންސިލުން ބޭއްވި ވާރކްޝޮޕެކެވެ.
އޭޕްރިލް 28 އަދި 29 ގައި ސޮލައިޓް ރެސްޓޯރެންޓްގައި ބޭއްވި މި ވާރކްޝޮޕްގެ ފުރަތަމަ ދުވަސް އަމާޒުކުރެވިފައިވަނީ ސަރުކާރުގެ އިސް ވެރިންނާއެކު މަޝްވަރާކުރުމަށެވެ.
މި ވާރކްޝޮޕް ފައްޓަވައި ދެއްވައި މާލެ ސިޓީގެ މޭޔަރު، އާދަމް ޢާޒިމް ވިދާޅުވީ ހަމަހަމަ އަދި ދެމެހެއްޓެނިވި މުސްތަޤުބަލެއް ބިނާކުރުމަށް މާލެ ސިޓީ ކައުންސިލުން މަސައްކަތް ކުރާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ. އަދި ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކާ ގުޅޭގޮތަށް ސިޓީ ފެންވަރުގައި މަސައްކަތްކުރުމުގައި ވީއެލްއާރު މުހިންމުކަން ވެސް ފާހަގަކުރެއްވިއެވެ.
މި ވާރކްޝޮޕްގެ ސަބަބުން އެސްޑީޖީތައް ޙާޞިލުކުރުމަށް ހުރި ހުރަސްތައް ދެނެގަނެވި، މާލޭގެ އެސްޑީޖީތަކަށް ޙިއްޞާކުރެވޭ މިންވަރު އިތުރުކުރެވިދާނެ އިދާރީ، އިންފްރާސްޓްރަކްޗަރ އަދި ދިރިއުޅުމާ ގުޅޭ ކަންކަމާ ބެހޭގޮތުން އުފެއްދުންތެރި މަޝްވަރާތަކެއްކުރެވުނެވެ.
މީގެ ތެރޭގައި ކުނި މެނޭޖްކުރުމާއި، ނަފްސާނީ ދުޅަހެޔޮކަމާ ބެހޭ ހޭލުންތެރިކަން އިތުރުކުރުމާއި، ފެން ޙިމާޔަތްކުރުމާއި، އަދި މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވުމަށް އެހީތެރިވެދިނުމުގެ މަޝްރޫޢުތަކަކީ މާލޭގެ އެސްޑީޖީ ކުރިއެރުމަށް ޙިއްޞާކުރެވިދާނެ ކަންކަން ކަމަށް އެފަރާތްތަކުން ވަނީ ފާހަގަ ކޮށްފައެވެ. އަދި، މީގެ އިތުރުން، މި ސެޝަން ތަކުން ވީއެލްއާރު ރިޕޯޓުގައި ހިމެނުމަށް ގިނަ ޚިޔާލުތަކަކާއި މުޖުތަމަޢުގެ ފަރާތުން ބިނާކުރަނިވި ޚިޔާލުތަކެއް ލިބިގެންދިޔައެވެ.
މި ވާރކްޝޮޕް ނިންމާލީ، ހުރިހާ ސްޓޭކްހޯލްޑަރުންގެ ޚިޔާލުތަކުގެ މައްޗަށް ބިނާކޮށް، އައި.ސީ.އެލް.އީ.އައި އިން އިސްނަގައިގެން އަދި ސިޓީގެ ޑިޕާޓްމަންޓްތަކާ ގާތުން މަޝްވަރާކޮށްގެން، ވީ.އެލް.އާރް ރިޕޯޓެއްގެ ޑްރާފްޓެއް އެކުލަވާލުމަށް އެއްބަސްވުމަކާ އެކުގައެވެ.
އަދި މި ޑްރާފްޓް ވެގެންދާނީ މާލޭގެ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކަށް (އެސް.ޑީ.ޖީ) ވާސިލުވުމުގެ މަސައްކަތްތަކަށް މަގުދައްކައިދޭނެ އެއްޗަކަށެވެ.
މާލޭގައި ވީ.އެލް.އާރް ގެ މަސައްކަތް ކުރިއަށް ގެންދިއުމަކީ 2030 ވަނަ އަހަރުގެ އެޖެންޑާ ރާއްޖޭގައި ތަންފީޒުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.