މުޅި ވިލިމާލެ ސާފުކުރުމުގެ މަސައްކަތް، ވަކި ޕްރޮޖެކްޓެއްގެ ގޮތުގައި ފަށައިގެން ކުރަމުން އަންނަ ކަމަށް، މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވިދާޅުވެއްޖެއެވެ.
މުޅި ވިލިމާލެ ސާފުކުރުމުގެ ޕްރޮޖެކްޓުގެ ދަށުން، ވިލިމާލޭގައި ކުރަމުން އަންނަ މަސައްކަތް ތަކުގެ ތެރޭގައި ހިމެނެނީ، ކާނުތައް ސާފުކުރުމާއި ވިލިމާލޭގެ ހުސްބިންތައް ސާފުކުރުމުގެ މަސައްކަތެވެ.
މި މަސައްކަތްތަކާ ގުޅޭ ގޮތުން މޭޔަރ ޢާޒިމް ވިދާޅުވީ، ވިލިމާލޭގެ މަގުތަކުގެ ކާނުތައް ސާފު ނުކުރާތާ އެތައް އަހަރުތަކެއް ވެއްޖެ ކަމަށާއި އެހެން ކަމުން، ވަކި ޕްރޮޖެކްޓެއްގެ ގޮތުގައި މުޅި ވިލިމާލެ ސާފުކުރުމުގެ މަސައްކަތް މިހާރު ފެށިފައިވާ ކަމަށެވެ. އަދި މިއީ ބުރަ މަސައްކަތެއް ކަމަށާއި، ވިލިމާލޭގެ ވެށި ރީތިކޮށް ބޭއްވުމަށް އެންމެން އެއްކޮށް މަސައްކަތް ކުރުމަށް ވެސް މޭޔަރ ޢާޒިމް ވަނީ އެދިވަޑައިގެންފައެވެ.
ވިލިމާލޭގެ ހުސް ބިމިންތައް ސާފު ކުރުމަށް ފަހު، ކައުންސިލުން ނިންމާފައި ވަނީ، އެ ބިންތަކުގައި، ހިޔާދޭ ގަސްތަކާއި ބަގީޗާ ގަސްތަކާއި މާ ގަސްތަކުގެ އިތުރުން، މޭވާއާއި ތަކުރާރީ ގަސްތައް ވެސް އިންދުމަށެވެ.
ވިލިމާލޭގެ ބައެއް މަގުތަކުގެ ކާނުތަކުގައި، ކުނި ގިނަވުމުގެ ސަބަބުން، އެކި ދަތިތަކާއި ކުރިމަތިލާން ޖެހޭތީ، މަގުތަކަށް ކުނި ފަދަ ތަކެތި ނޭޅުމަށް ވެސް، ކައުންސިލުން އަންނަނީ ތަކުރާރުކޮށް އަންގަމުންނެވެ.
ވިލިމާލޭގެ ކޮންމެ މަގަކީ ވެސް، ހިތް ފަސޭހަ މަގަކަށް ހެދުމަކީ، މާލެ ސިޓީ ކައުންސިލުން ނުހަނު ބޭނުވާ ކަމެކެވެ.