މާލެ ސިޓީ ކައުންސިލް

މާލެ ސިޓީ ކައުންސިލް 14 މެއި 2025


ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ނުބެލެހެއްޓޭ ނަމަ ސިނަމާލެ ބްރިޖް މާލެ ސިޓީ ކައުންސިލާ ހަވާލު ކުރުމަށް ކައުންސިލަރު ސައިފް ގޮވާލައިފި

ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ނުބެލެހެއްޓޭ ނަމަ މާލެ އާއި ހުޅުލެއާ ދެމެދު އަޅާފައިވާ "ސިނަމާލެ ބްރިޖް" މާލެ ސިޓީ ކައުންސިލާ ހަވާލު ކުރުމަށް ކުރުމަށް ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު މުޙައްމަދު ސައިފް ފާތިހު ގޮވާލައިފިއެވެ.

ސިނަމާލެ ބްރިޖް މިހާރު ބަލަހައްޓަމުން އަންނަނީ ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިންނެވެ. ސައިފް މި ކަމަށް ގޮވާލެއްވީ ބުދަ ދުވަހު ބޭއްވުނު، މާލެ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ 194 ވަނަ ޖަލްސާގައެވެ. ސައިފް މި ކަމަށް ގޮވާލެއްވިއިރު، ފަހަކަށް އައިސް ސިނަމާލެ ބްރިޖްގައި ގިނަ ސީރިއަށް އެކްސިޑެންޓްތައް ވަނީ ހިނގާފައެވެ.

ސައިފް ވިދާޅުވީ، ގިނަ މީހުން ބްރިޖް މަތީ ސައިކަލް ދުއްވަނީ ބާރު ސްޕީޑުގައި ކަމަށާއި އެހެން ކަމުން ފަހަކަށް އައިސް ބްރިޖް މަތީގައި ހިނގާ އެކްސިޑެންޓްތައް ގިނަވެ، އެތައް ބަޔަކަށް ސީރިޔަސް އަނިޔާތަކެއް ލިބެމުން އަންނަ ކަމަށެވެ.

" ބްރިޖަށް އަރައި ބާރަށް ދުއްވީމަ ތިމާގެ ފުރާނަ އެކަންޏެއް ނޫނޭ އަތަށް ލައިގެން އެ ދުއްވެނީ. ގިނަ ފަހަރަށް މިވާ ގޮތަކީ، މަޑުން ދުއްވާ މީހާގެ ސައިކަލުގައި ޖެހިފަ އޭނަ ބުރައިގެން ގޮސް ބޮޑެތި އަނިޔާތައް މި ލިބެނީ. " ސައިފް ވިދާޅުވިއެވެ.

ސައިފް ވިދާޅުވީ، ބްރިޖް މަތީ ހުންނަ ކެމެރާތައް މަސައްކަތް ނުކުރާ ކަމަށް ފުލުހުން ބުނާއިރު، ބްރިޖް މަތީ ދުއްވަންވީ މިންވަރު އެންގުމަށް ހަރުކޮށްފައިހުންނަ، ބޯޑުތައް ވެސް ހުރީ ކުލަ ވެއްޓިފައި ކަމަށެވެ.

" ވަރަށް ފަހުން ވެސް، އަޅުގަނޑު ނޭބާއެއް، އޭނަގެ ކާފަ ދަރިފުޅު ގޮވައިގެން ސްކޫލު ނިންމާފަ ދަނިކޮށް، ނިކުތް އެއްޗަކުން ޖެހިފައި އެ ދެ ބަފައިން ބުރައިގެން ދިޔައީ. ދެ ބައިފައިންނަށް ވެސް ބޮޑެތި އަނިޔާތަކެއް ވަނީ ލިބިފަ. މި ދައްކަނީ މީހުންގެ ފުރާނައިގެ ވާހަކަ. އަޅުގަނޑުމެންނަށް މީހުންގެ ފުރާނަ މުހިންމު ނުވާނަމަ މި ކަންތައް ކުރުމުގެ ބޭނުމެއް ނެތް." ސައިފް ވިދާޅުވި އެވެ.

ސައިފް ވިދާޅުވީ، ދާދި ފަހުން ގަލޮޅު ހުޅަނގު ދާއިރާގެ ކައުންސިލަރު، މަރިޔަމް ނާޘިމާ މުހައްމަދު ފާއިޒް، ބްރިޖްމަތިން އެކްސިޑެންޓު ވެގެން، އެ ތަނުގައި ހުރި ކެމެރާގެ ފްޓޭޖް ހޯދުމަށް ފުލުހުން ގާތު އެދުނު ކަމަށެވެ. ފުލުހުން ވިދާޅުވީ، އެ ތަނުގައި ހުރި ކެމެރާ ހުރީ މައްސަލަ ޖެހިފައި ކަމަށެވެ.

ސައިފް ވިދާޅުވީ އެއް އިރެއްގައި ގިނަ ޢަދަދަކަށް، ޓްރެފިކް ޕޮލިހުން ބްރިޖް ބަލަހައްޓަމުން ދިޔަ ކަމުގައި ވިޔަސް، މިހާރު ބްރިޖް މަތިން އެ ކަން ނުފެންނަ ކަމަށެވެ.

"އަޅުގަނޑު މި ދަންނަވާ ވާހަކައަކީ ބުރިޖު މަތީގައި، 90 ކިލޯ މީޓަރު، 100 ކިލޯ މީޓަރު ބާރު މިނުގައި ދުއްވާފަ ބުރިޖުން ފައިބައިގެން ދާއިރު، އޭނާ ހިފަހައްޓާނެކަން އޭނާއަށް އެނގެން ޖެހޭނެ. އެ ބާރު މިނުގައި ދުއްވާފަ ބުރިޖުން ފައިބައިގެން ނުދެވޭނެކަން އޭނާއަށް އެނގެން ޖެހޭނެ. އޭނަގެ ލައިސަންސް ވަގުތުން ހިފެހެއްޓެން ވާނެ. އޭނަގެ ވެހިކަލް ހިފެހެއްޓެން ޖެހޭނެ. " ސައިފް ވިދާޅުވިއެވެ.

ސައިފްގެ ވާހަކަ ފުޅަށް ތާއިދު ކުރައްވައި މާލެސިޓީގެ މޭޔަރ އާދަމް ޢާޒިމް ވިދާޅުވީ، ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ފުލުހުނާއެކު، މިހާރު ވެސް މަޝްވަރާ ކުރަމުން އަންނަ ކަމަށާއި އަދި ވެސް އެކަމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.