ރާއްޖެއަށް ތަޢާރަފުވެފައިވާ ލާމަރުކަޒީ ނިޒާމް ފުރައި ފުރިހަމަވެ ފައްކާ ވެގެން ދާއިރު، އެ ނިޒާމަށް އަންނަޖެހޭނެ ކަމަށް ދެކޭ އެންމެ ބޮޑު ބަދަލަކީ، ކައުންސިލްތަކަށް އިޤުތިޞާދީ ބާރުވެރިކަން ލިބުން ކަމަށް މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވިދާޅުވެއްޖެއެވެ.
މޭޔަރ ޢާޒިމް މިފަދައިން ވިދާޅުވެފައި ވަނީ ހައްދުންމަތީ އަތޮޅުކައުންސިލްގެ 4 ވަނަ ދައުރުގެ 4 ވަނަ އަހަރު ނިމުން ފާހަގަކުރުމަށް ބޭއްވި ޖަލްސާ ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
މޭޔަރ ޢާޒިމް ވިދާޅުވީ، ދުނިޔޭގެ ގިނަ ޤައުމުތަކުގައި ލާމަރުކަޒީ ނިޒާމަށް ވެރިކަން ކުރަން ފެށުނީ 1970 ގެ އަހަރުތަކުގައި ކަމަށާއި ޤައުމުތަކުގައި މި ނިޒާމު ތަޢާރަފު ކުރަން ޖެހުނު މައިގަނޑު ސަބަބަކީ، ތަރައްޤީ ވަމުންދިޔަ ޤައުމުތަކުގައި، މައި ސަރުކާރުގެ ދަށުގައި ހުރިހައި ބާރެއް އޮވެގެން ހިނގަމުން ދިއުމުން، ސިޔާސީ ގޮތުންނާއި އިޤުތިޞާދީ ގޮތުންނާއި ފިކުރީ ގޮތުން، ރައްޔިތުން އެދޭ ހަލުއި މިނުގައި ތަރައްޤީ ވަމުން ނުދިއުމުން، މި ނިޒާމަށް ބަދަލުކުރުމަށް ރައްޔިތުން ބާރުއަޅަން ފެށި ކަމަށެވެ.
"މީގެ ނަތީޖާ މި ޤައުމުތަކުން ފެނުނީ ވަރަށް އުޖާލާކޮށް. މީގެ ސަބަބުން މަދު އިޤުތިޞާދީ ވަޞީލަތްތައް ބޭނުންކޮށްގެން، ރައްޔިތުންގެ ބޭނުންތައް ފުދޭ ގޮތަށް މަޝްރޫޢުތައް ހިންގަން ފެށުނު. ދެ ފުށް ފެންނަ ސިޔާސަތެއް ކަނޑައެޅި، ޚިދުމަތް ދޭން ތިބި މީހުންނާ މެދު ރައްޔިތުން ފާރަވެރުމުގެ ފުރުޞަތު ލިބުނު.މީގެ ސަބަބުން ކޮރޮޕްޝަންނަށް ހުޅުވިގެންދާ ދޮރުތައް މަދުކުރެވުނު. އަދި ރައްޔިތުން ދައްކާ ޓެކްސް ފައިސާ ޚަރަދު ކުރެވޭގޮތް، ރައްޔިތުންނަށް ގާތުން ފެންނަން ފެށި" މޭޔަރ ޢާޒިމް ވިދާޅުވި އެވެ.
މޭޔަރ ޢާޒިމް ވިދާޅުވީ ޢުމުރުގެ ގޮތުންނާއި ޙަޟާރަތުގެ ގޮތުން ދިވެހި ރާއްޖެ ކިތަންމެ ދޮށި ނަމަވެސް މަލްޓިޕާޓީ، ޑިމޮކްރަސީ އުފަންވިތާ އަދި މިވަނީ 16 ވަރަކަށް އަހަރު ކަމަށާއި ޢުމުރުގެ ކިރިޔާ އަދި ތަޞައްރަފު މި ފުދުނީ ކަމަށެވެ. އަދި ދުނިޔޭގައި މިވަގުތު ވެރިކަން ކުރަމުންދާ 13 ނިޒާމުގެތެރެއިން އެންމެ ގިނަ ގައުމުތަކުގައި ވެރިކަން ކުރަމުންދާ ނިޒާމަކީ މަލްޓިޕާޓީ ނިޒާމް ކަމަށް މޭޔަރ ޢާޒިމް ވިދާޅުވި އެވެ.
" 35% ޤައުމުގައި ވެރިކަން ކުރަނީ މި ނިޒާމަށް. މިއީ ރައްޔިތުންނާ ގާތުން، ރައްޔިތުންގެ މަޝްވަރާ ހޯދައިގެން، ރައްޔިތުންގެ ބޭނުންތަކަށް އިސްކަން ދީގެން ވެރިކަން ކުރުމުގެ ނިޒާމު. " މޭޔަރ ޢާޒިމް ވިދާޅުވި އެވެ.
މޭޔަރ ޢާޒިމް ވިދާޅުވީ ރާއްޖޭގެ ވެރިކަން މަލްޓިޕާޓީ ނިޒާމު ބަދަލުވެގެން އައިއިރު، ލިބުނު އެންމެ ބޮޑު ހިތްހަމަޖެހުމަކީ، އެ ނިޒާމުގެ ތެރެއިން އުފަންވި ލާމަރުކަޒީ ނިޒާމު ކަމަށާއި ލާމަރުކަޒީ ނިޒާމު ތަޢާރަފު ކުރެވުނީ، މި ފަދަ ކޮންމެ ކަމެއް ވެސް އަލަށް ތަޢާރަފުވާއިރު އުފެދޭ އަދި އުފެދޭނެ ޝައްކާއި ވަހުމުގެ ތެރެއިން ކަމަށެވެ.
މޭޔަރ ޢާޒިމް ވިދާޅުވީ، ލާމަރުކަޒީ ނިޒާމަށް ޤައުމުތައް ހިންގުމަކީ ނުވަތަ ރަށްތަކާއި ސިޓީތައް ހިންގުމަކީ، ރާއްޖޭގައި ތަންކޮޅެއް ފަހުން ފެށި ކަމަކަށް ވިޔަސް، ދުނިޔޭގައި މި ނިޒާމަށް ވެރިކަން ކުރަމުން އަންނަތާ ލައްކަ ޒަމާން ވެއްޖެ ކަމަށެވެ.