މާލެ ސިޓީ ކައުންސިލް

މާލެ ސިޓީ ކައުންސިލް 25 މެއި 2025


ޤުރުއާން މުބާރާތާއި މަދަޙަ މުބާރާތުގެ ނަތީޖާ ފާޅުކޮށްފި

މާލެ ސިޓީ ކައުންސިލުގެ، 4 ވަނަ މަދަޙަ މުބާރާތާއި ޤުރުއާން މުބާރާތުގެ ނަތީޖާ ފާޅުކޮށް، ވަނަ ޙާޞިލްކުރި ދަރިވަރުންނަށް އިނާމު ދިނުމުގެ ޖަލްސާ، 22 މޭ 2025 ވަނަ ދުވަހުގެ ރޭ 8:30 އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި ބާއްވައިފިއެވެ.

2025 ފެބުރުއަރީ 1އިން 9 އަށް ބޭއްވުނު ޤުރުއާން މުބާރާތައި 671 ދަރިވަރުން ބައިވެރިވިއެވެ. 2025 ފެބުރުއަރީ 10 އިން 14 އަށް ބޭއްވުނު، މަދަޙަ މުބާރާތުގައި 322 ދަރިވަރުން ބައިވެރިވިއެވެ. މި ދެ މުބާރާތް ބެހިފައިވަނީ، 6 އަހަރުންދަށް، 9 އަހަރުންދަށް، 11 އަހަރުންދަށް، 13 އަހަރުންދަށް، 16 އަހަރުންދަށް އަދި 19 އަހަރުން ދަށް، މި 6 ޢުމުރުފުރާއަށެވެ.

ނަތީޖާ ފާޅުކުރުމަށް ބޭއްވި މި ޖަލްސާގެ ޝަރަފުވެރި މެހުމާނަކީ، މާލެ ސީޓީގެ މޭޔަރ އަލްފާޟިލް އާދަމް ޢާޒިމެވެ. މި ޖަލއްސާގައި އެ މަނިކުފާނު ދެއްކެވި ވާހަކަފުޅުގައި، އަޅުގަނޑުމެންނަކީ މުސްލިމުންނަށް ވުމުން، އިސްލާމް ދީން ކުރިއަރުވައި، އިސްލާމްދީނުގެ މަތިވެރި ޝިޔާރުތައް ފެތުރުމަށް މަސައްކަތް ކުރުމަކީ، ފަރުދީ ހައިސިއްޔަތުންނާއި މުއައްސަސާތަކުގެ ހައިސިއްޔަތުންނާއި ޤައުމީ ހައުސިއްތުން ވެސް ކުރަން ޖެހޭނެ ކަމެއް ކަމުގައި ވިދާޅުވިއެވެ. މި ގޮތުން އިސްލާމްދީނަށް ލޯބި ޖައްސައި، އިސްލާމީ ޝިޔާރުތައް ފަތުރައި، ދީނާ މެދު މީހުން ހޭލުންތެރި ކުރުމަށް، މާލެ ސިޓީ ކައުންސިލުން ކުރަމުންދާ މަސައްކަތްތަކުގެތެރެއިން، އެއް މަސައްކަތަކީ، ޤުރުއާން މުބާރާތާއި މަދަޙަ މުބާރާތް ބޭއްވުންކަން އެ މަނިކުފާނު ފާހަގަ ކުރެއްވިއެވެ.

އެ މަނިކުފާނުވިދާޅުވީ، މަދަޙައިގެ ޒަރީޢާއިން ދީނީ މަޢުލޫމާތު މުއްސަނދިވެ، އީމާންތެރިކަމާއި ޢަޤީދާ ވަރުގަދަކޮށް ދޭކަމަށެވެ. ކީރިތި ޤުރުއާނަކީ އަޅުގަނޑުމެންގެ އުޅެންވީ ގޮތުގެ ދުސްތޫރު ކަމުން، ކީރިތި ޤުރުއާން އުނގެނުމާއި އުނގަންނައި ދިނުމަށް އަޅުގަނޑުމެން ނުހަނު ސަމާލުކަން ދޭންޖެހޭ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. މި އަދުގެ މުޖުތަމަޢުގައި، ދަރިންނަށް ކީރިތި ޤުރުއާން އުނގަންނައި ދިނުމަށް ވަރަށް ބޮޑަށް ސަމާލުކަން ދޭކަން ޚާއްޞަ ގޮތެއްގައި ފާހަގަކޮށް، އެ ކަމަށް ޓަކައި ނުހަނު އުފާކުރައްވާކަން މޭޔަރ ޢާޒިމް ހާމަކުރެއްވިއެވެ.

''ޝައްކެއްނެތް ވަރަށް ރީތިކޮށް ކީރިތި ޤުރުއާން ކިޔަވާ ތުއްތު ކުދިންނާއި ޒުވާނުންނާއި ބޮޑެތި މީހުންނާއި ދުވަސްވީ މީހުން ވެސް، ދިވެހި މުޖުތަމަޢުގައި، މިހާރު ވަރަށް ގިނައިން އެބަތިއްބެވި. މި މުބާރާތުގައި ބައިވެރިވި ދަރިވަރުންގެ ކިޔެވުން އަޑުއަހާލުމުން ވެސް، އެ ކަން އަޅުގަނޑަށް ވަރަށް ބޮޑަށް ފާހަގަވި. އެ ކަމަށް ޓަކައި އަޅުގަނޑު ވަރަށް ބޮޑަށް އުފާކުރަން.'' މޭޔަރ ޢާޒިމް ވިދާޅުވިއެވެ.

މޭޔަރ ޢާޒިމް ގެ ވާހަކަފުޅުގައި، މި ދެ މުބާރާތް އިންތިޒާމްކޮށް ހިންގުމުގައި އުޅުއްވި މާލެ ސިޓީ ކައުންސިލްގެ ހުރިހާ ބޭފުޅުންނަށާއި، މުބާރަތަށް އިންސާފުކޮށް ދެއްވި ފަޑިޔާރުންނަށް، ޝުކުރު އަދާކުރެއްވިއެވެ. އަދި މި އަހަރު ވެސް މި 2 މުބާރާތް އޮންނާނެކަން ހާމަކުރެއްވިއެވެ.

ޤުރުއާން މުބާރާތުގެ ބަލައިގެން ކިޔެވުމުގެ ގޮފިން، މުޅި މުބާރާތުން 1 ވަނަ ޙާޞިލްކުރީ، އާޔަން އަޙްމަދު ޢިނާނެވެ. ޤުރުއާން މުބާރާތުން ،ނުބަލައި ކިޔެވުމުގެ ގޮފިން، މުޅި މުބާރާތުން 1 ވަނަ ޙާޞިލްކުރީ، އުވައިސް ބިން ޢިނާޒެވެ. މަދަޙަ މުބާރާތުގެ މުޅި މުބާރާތުން 1 ވަނަ ޙާޞިލްކުރީ، ނަބާހަތު ނަޖާޙެވެ.