މާލެ ސިޓީ ކައުންސިލް

މާލެ ސިޓީ ކައުންސިލް 25 މެއި 2025


ލާމަރުކަޒީ ނިޒާމުގެ ކާމިޔާބު ޙާޞިލް ކުރެވޭނީ، ސަރުކާރާއި ރަށްފުށުގައި ހުރި ވަޞީލަތްތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ޚިއްސާ ކުރެވިގެން: މޭޔަރ އާދަމް ޢާޒިމް

ލާމަރުކަޒީ ނިޒާމުގެ ތަރައްޤީގެ ތަޞައްވުރުގެ ކާމިޔާބީގެ ފޮނި މީރުކަން ޙާޞިލް ކުރެވޭނީ، މައި ސަރުކާރާއި، ސަރުކާރުގެ ތަފާތު އިދާރާތަކުން ރަށްފުށުގައި، ޤާއިމުކޮށްފައިވާ، އެކިއެކި ވަޞީލަތްތައް، އޭގެ އެންމެ ފުރިހަމަ ގޮތުގައި ޙިއްޞާ ކުރެވިގެން ކަމަށް މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވިދާޅުވެއްޖެއެވެ.

މޭޔަރ ޢާޒިމް މި ފަދައިން ވިދާޅުވެފައި ވަނީ، މިހާރު ކުރިޔަށްދާ ކައުންސިލް އެސޯސިއޭޝަންގެ އަހަރީ އާއްމު ކޮންފަރެންސް، 2025 ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މޭޔަރ ޢާޒިމް ވިދާޅުވީ، ލާމަރުކަޒީ ނިޒާމުގެ ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލްކުރެވޭނީ ރައްޔިތުންގެ އަތްމަތީ އޮންނަ ބާރު ވިލަރެސްކޮށް ދެމެހެއްޓުމާއެކީ، ސަރުކާރުގެ ލަނޑުދަނޑިތައް ކާމިޔާބު ކުރުމުގައި، ކައުންސިލްތަކާއި ރަށްފުށުގެ އާބާދީއަކީ، އެންމެ އަގުހުރި އެއް ވަޞީލަތްކަން ޤަބޫލުކޮށް އެ ކަމަށް ފުރިހަމަޔަށް އިޖާބަދީގެން ކަމަށެވެ.

އެ ގޮތުން މޭޔަރ ޢާޒިމް ވިދާޅުވީ، މި ނިޒާމަކީ، ވަކިވަކި ރަށްރަށާއި އަތޮޅުތަކަށް ޚާއްޞަކުރެވި، އިސްކަންދެވިގެން، އެ ބަޔެއްގެ ކަންކަން އެ ބަޔަކު އަމިއްލަޔަށް ނިންމުމުގައި، ރައްޔިތުންނާ އެންމެ ގާތުން މަސައްކަތްކުރާ ނިޒާމް ކަމުގައެވެ.

"ކާމިޔާބު ލާމަރުކަޒީ ނިޒާމެއްގައި، އީޖާބީ ހަލުވިކަމެއް އޮންނާނެ. ޤުދްރަތީ ކާރިސާތަކުން ސަލާމަތްވުމަށް އަވަސް ފިޔަވަޅު އެޅި، ސަލާމަތާއި ރައްކާތެރިކަން ލިބި، ކަންކަން، އަވަހަށް ނިމިގެންދާނެ. ރައްޔިތުންގެ ބޭނުންތަކަކީ، ކޮބައިކަން އެންމެ ފަސޭހައިން ދެނެގަ ނެވޭ ނިޒާމަކީ ލާމަރުކަޒީ ނިޒާމް" މޭޔަރ ޢާޒިމް ވިދާޅުވިއެވެ.

މޭޔަރ ޢާޒިމް އިތުރަށް ވިދާޅުވީ، ލާމަރުކަޒީ ނިޒާމަކީ، އެކަހެރި ކުރެވިފައި އޮންނަންޖެހޭ ނިޒާމެއްނޫން ކަމަށާއި، ވަކިވެގަތުމާއި ބައިބައިވުން އެއީ، ލާމަރުކަޒީ ނިޒާމް ދަންނަ ކަމެއް ނޫން ކަމަށެވެ. އަދި ޤައުމީ ތަރައްޤީގައި އިސްކަންދޭ ތަރުތީބުގެ ތެރެޔަށް، ރަށްފުށުގެ ތަރައްޤީ ވައްދައިގެން ނޫނީ ޤައުމަށް، ދެމެހެއްޓެނިވި ކުރިއެރުމެއް، ނުހޯދޭނެ ކަމަށް ވެސް މޭޔަރ ވިދާޅުވިއެވެ.

"މި ކަން ޙާޞިލް ކުރެވޭނީ، މައި ސަރުކާރާއި ރަށްފުށުގެ ކައުންސިލްތަކާ ދެމެދު، އިޙްތިރާމް ލިބިގެންވާ، އީޖާބީ ގުޅުމެއް ޤާއިމް ކުރެވިފައި އޮވެގެން. ޤައުމުގެ ތަރައްޤީއާއި ކުރިއެރުމުގައި، ކަނޑައެޅިފައި ހުންނަ ލަނޑުދަނޑިތަކަށް، ފަހި މުސްތަޤްބަލެއް އޮތީ، މި ފަދަ ވެއްޓެއް އުފެއްދި، އެ މަގަށް މަސައްކަތް ކުރެވިގެން" މޭޔަރ ޢާޒިމް ވިދާޅުވިއެވެ.

މޭޔަރ ޢާޒިމް އިތުރަށް ވިދާޅުވީ، ލާމަރުކަޒީ ނިޒާމް ހަރުދަނާކޮށް، ފުރިހަމަޔަށް ހިންގައިގެން، ދިވެހި ރައްޔިތުންގެ ދިރިއުޅުމަށް ބާއްޖަވެރިކަން ހޯދޭ ފަދަ، މުސްތަޤްބަލެއް، ފެންނަން އެބައޮތް ކަމަށެވެ.