މާލެ ސިޓީ ކައުންސިލް

މާލެ ސިޓީ ކައުންސިލް 27 މެއި 2025


މާލެ ފެހިކޮށް، ފިނިކުރަން ޖެހޭ: މޭޔަރ ޢާޒިމް

މާލޭގައި ގަސް އިންދައި ފެހިކޮށް، މާލެ ފިނިކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި އެކަން ކުރަން ޖެހޭ ކަމަށް މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވިދާޅުވެއްޖެއެވެ.

މޭޔަރ ޢާޒިމް މިހެން ވިދާޅުވެފައި ވަނީ، މާލެ ސިޓީ ކައުންސިލުން މާފަންނުގައި ތަރައްޤީ ކުރަމުން އަންނަ "މާފަންނު މައިޒާނު "ގައި ގަސް އިންދުމަށް، ހޯމަދުވަހުގެ ހަވީރު ބޭއްވި ހަރަކާތުގެ ތެރެއިން، މީޑިއާއަށް ދެއްވި އިންޓަވިއުގައެވެ.

މޭޔަރ ޢާޒިމް ވިދާޅުވީ، މާލެ އަބަދު ވެސް ވަރަށް ހޫނު ކަމަށާއި، މި ކަމަށް ހައްލެއް ހޯދުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރޭގައި، މައިޒާންތައް ހަދައި މައިޒާންތަކުގައި ގަސް އިންދައި ފެހި ކުރުމަކީ، ކައުންސިލުން ޚާއްޞަ އިސްކަމެއް ދީގެން ކުރާ ކަމެއް ކަމަށެވެ. އަދި މި ގޮތަށް މައިޒާންތައް ފެހިކޮށް ގަސް އިންދުމުން، މާލޭގެ މަގު މަތީ ހިނގާބިގާވެ އުޅޭ މީހުންނަށް ފަސޭހަކަމާއެކު ދުރުފެނުމަކީ، އެ މީހުންނަށް، ނަފްސާނީ ގޮތުން ވެސް ވަރަށް ބޮޑެތި ފައިދާތަކެއްވެ، އުފާވެރިކަން ގެނެސްދޭ ކަމެއް ކަމަށެވެ. އަދި ގަސްތައް ފެނުމުން ހިތްހަމަޖެހުން ގެނެސްދޭ ކަމަށް މޭޔަރ ޢާޒިމް ވިދާޅުވި އެވެ.

މޭޔަރ ޢާޒިމް ވިދާޅުވީ މާފަންނު މައިޒާން ތަރައްޤީ ކުރާ ސަރަހައްދަކީ، މާލޭގެ އެންމެ ކާރު ބާރު ބޮޑު އެއް ސަރަހައްދު ކަމަށެވެ. މި ސަރަހައްދުގައި ހުރި ގޯޅިތައް ހަނިވުމުގެ ސަބަބުން، ބަލިމީހުން އުފުލުމަށް ބޭނުން ކުރާ އެމްބިއުލަންސް އެ ގޯޅިތަކަށް ވަދެ ނިކުތުމަށް، ފަސޭހަކުރުމަށް، އެ ގޯޅިތަކުގައި ހުރި ސައިކަލްތައް، މާފަންނު މާޒާނުގައި ހެދިގެން އަންނަ ސައިކަލް ޒޯނަށް ބަދަލުކުރުމަށް، ކައުންސިލް ބައްދަލުވުމުގައި މަޝްވަރާކޮށް ގޮތެއް ނިންމާނެ ކަމަށް މޭޔަރ ޢާޒިމް ވިދާޅުވިއެވެ.

މީގެ އިތުރުން މޭޔަރ ޢާޒިމް ވިދާޅުވީ، މާލެއަށް މިހާ ބޮޑެތި ބަދަލުތަކެއް ގެނެވިގެން މިދަނީ، މާލޭގައި ދިރި އުޅޭ ރައްޔިތުން އުފާކޮށް، އެ މީހުންނަށް ރަނގަޅު މާހައުލެއް ޤާއިމް ކުރުމުގެ ހެޔޮނިޔަތުގައި ކަމަށެވެ. އަދި މި މަސައްކަތްތައް ކުރުމުގައި ކައުންސިލަރުންގެ ފުރިހަމަ އެއްބާރުލުން ލިބެމުން އަންނަ ކަމަށް ވެސް މޭޔަރ ޢާޒިމްގެ ވާހަކަ ފުޅުގައި ފާހަގަ ކުރެއްވި އެވެ.