ފެހި ފިނި ތަނަވަސް ތަނަކަށް މާލެ ސިޓީ ބަދަލުކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ގަލޮޅުގައި ތަރައްޤީ ކުރަމުން އަންނަ މައިޒާން ފެހިކުރުމަށް 25 ފޫޓަށް ވުރެ ދިގު އަނބުގަހެއް އިންދައިފި އެވެ.
މި މައިޒާނުގައި އަނބު ގަސް އިންދަވައި ދެއްވީ، މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމާއި ގަލޮޅު މެދުދާއިރާގެ ކައުންސިލަރު މަރިޔަމް ރީހާން ނާޡިމްގެ އިތުރުން، މާފަންނު ހުޅަނގު ދާއިރާގެ ކައުންސިލަރު އިބްރާހިމް އަބޫބަކުރެވެ.
ކައުންސިލުން، ގަލޮޅުގައި ތަރައްޤީކުރާ މި މައިޒާން ހިމެނޭ ސަރަހައްދުގައި، ސައިކަލް ޕާކިން ޒޯނެއް ވެސް އަންނަނީ ތަރައްޤީ ކުރަމުންނެވެ. މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ، ގަލޮޅުގައި ދިރިއުޅޭ ރައްޔިތުންގެ ސައިކަލްތައް، ފަސޭހަކަމާއެކު ޕާކުކުރެވޭނެ ޖާގައެއް ހޯދައިދިނުމެވެ.
މި ޕާކިން ޒޯން ތަރައްޤީކުރުމުގެ ބޭނުމަކީ ގަލޮޅު ސަހަރާ ކުރިމަތިން އޮންނަ މަގުގައި، މިހާރު ދިމާވެފައިވާ ޓްރެފިކް މައްސަލަ ޙައްލުކުރުމެވެ.
ބޮޑު ރަސްގެފާނު މަގުގައި، ކައުންސިލުން ތަރައްޤީކުރާ މައިޒާނާއި ސައިކަލް ޕާކިން ޒޯންގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވައިލެއްވުމަށް ފަހު، މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވިދާޅުވީ، މި ޕާކިން ޒޯން ނިމުމާއެކު، ސަހަރާ ކުރިމަތިން އޮންނަ މަގުގައި، މިހާރު އޮންނަ ޕާކިން ޒޯން އުވާލެވި، އެ މަގުގައި ސައިކަލް ޕާކް ނުކުރެވޭނެ ގޮތް ހެދުމަށް ނިންމާނެ ކަމަށެވެ. މި ކަމުގެ ސަބަބުން، އެ މަގުގެ ޓްރެފިކް ތޮއްޖެހުން ކުޑަވެ، ދުއްވަން ފަސޭހަވާނެ ކަމަށް ވެސް މޭޔަޔ ޢާޒިމްގެ ވާހަކަ ފުޅުގައި ފާހަގަ ކުރެއްވިއެވެ.
މޭޔަރ ޢާޒިމް ވިދާޅުވީ، މި މަޝްރޫޢަކީ، މާލެ ސިޓީ ކައުންސިލުން ހިންގާ މަޝްރޫޢެއް ކަމަށާއި، މި ކަމުގެ ސަބަބުން ގަލޮޅުގައި ދިރިއުޅޭ ރައްޔިތުންގެ ޢާންމު ދިރިއުޅުމަށް ވެސް ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ޔަގީން ކުރައްވާ ކަމަށެވެ. މި މަސައްކަތް ވީހާ އަވަހަށް ނިންމުމަށް ކައުންސިލުން މިހާރު ވެސް މަސައްކަތްކުރަމުންދާ ކަމަށް، މޭޔަރ ޢާޒިމް ވިދާޅުވިއެވެ.