މާލެ ސިޓީ ކައުންސިލް

މާލެ ސިޓީ ކައުންސިލް10 ޖޫން 2025


ޔޫއެންޑީޕީގެ އޭޝިއަން މޭޔަރސް ފޯރަމްގައި ބައިވެރިވެ ވަޑައިގަތުމަށް މާލެ ސިޓީގެ މޭޔަރ އަދި ޑެޕިއުޓީ މޭޔަރ ފުރައިވަޑައިގެންފި.

ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ)ގެ އޭޝިއަން މޭޔަރސް ފޯރމްގައި ބައިވެރިވެވަޑައިގަތުމަށް މާލެ ސިޓީގެ މޭޔަރ، އާދަމް ޢާޒިމާއި، ޑެޕިއުޓީ މޭޔަރ، މުޙައްމަދު އަރީޝް ފުރައިވަޑައިގެންފިއެވެ.

ޖޫން މަހުގެ 11 އިން 13 އަށް، ޗައިނާގެ ވެރިރަށް ބެއިޖިންގގައި ބޭއްވުމަށް ހަމަޖެހިފައިވާ، މި ފޯރަމްގައި ބައިވެރިވެ ވަޑައިގަތުމަށް ފުރާވަޑައިގަތުމުގެ ކުރިން، މާލެ ސިޓީ ކައުންސިލްގެ މީޑިއަށް މަޢުލޫމާތު ޙިއްސާ ކުރައްވަމުން، މޭޔަރ ޢާޒިމް ވިދާޅުވީ، މި ފުރުސަތަކީ އޭޝިއާގެ އެކި ސަރަހައްދުގެ ތަކުގެ ސީޓީތަކުގައި ދިމާވާ ގޮންޖެހުންތައް ހައްލުކޮށް، އެ ކަންކަމާއި ކުރިމަތިލުމަށް ކުރާ މަސައްކަތްތައް ދަސްކުރުމަށާއި، އެ މަސައްކަތްތައް ޙިއްސާ ކުރުމަށް ލިބޭނެ ވަރަށް މުހިއްމު ފުރުސަތެއް ކަމަށެވެ.

"އަޅުގަނޑުމެންގެ މުޖުތަމަޢު ވަރުގަދަކުރުމަށް ބޭނުންތެރި މަޢުލޫމާތުތަކެއް ގެނައުމަށް އަޅުގަނޑުމެން އުންމީދުކުރަން" މޭޔަރ ޢާޒިމް ވިދާޅުވިއެވެ.

2 ދުވަހުގެ މުއްދަތައް ކުރިއަށް ގެންދާ މި ފޯރަމްގައި، އޭޝިއާގެ އެކި ކަންކޮޅުތަކުން ވަޑައިގަންނަވާ ލީޑަރުންނާއެކު، ދެމެހެއްޓެނިވި ތަރައްޤީއާއި، އައު އީޖާދުތަކާއި، އަދި އެންމެންގެ ބައިވެރިވުން ހިމެނޭ ވެރިކަމެއް ހިންގުމަށް ބޭނުންވާ މަޢުލޫމާތު ހޯދުމަށް މަޝްވަރާތައް ކުރައްވާނެއެވެ.

ޔޫއެންޑީޕީގެ އޭޝިއަން މޭޔަރސް ފޯރަމް، މީގެ ކުރިން ވެސް ބާއްވާފައިވާއިރު، މޭޔަރ ޢާޒިމްވަނީ، އެ ފޯރަމްގައި ވެސް ބައިވެރިވެވަޑައިގެންފައެވެ.

"ވިލަރެސްކުރެވިފައިވާ އައު އީޖާދުތައް: ކާބަން، މަދު އަދި ދެމެހެއްޓެނިވި މުސްތަޤްބަލުގެ ސިޓީތައް ބިނާކުރުން" މި ޝިޢާރުގެ ދަށުން ކުރިޔަށް ގެންދާ މި ފޯރަމަކީ، ބައިނަލްއަޤްވާމީ ގުޅުންތައް ކުރިއެރުވުމަށާއި، އަދި ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް (އެސްޑީޖީތައް) ހާސިލުކުރުމަށް، ލޯކަލް ސަރުކާރުތައް ބާރުވެރިކުރުވުމަށް އެޅޭ މުހިންމު ފިޔަވަޅަކަށް ވެގެންދާނެއެވެ.