މާލެ ސިޓީ ކައުންސިލް

މާލެ ސިޓީ ކައުންސިލް 12 ޖޫން 2025


ދެމެހެއްޓެނިވި ސިޓީއެއްގެ ގޮތުގައި މާލެ ސިޓީ އޮތުމަށް ކުރާ މަސައްކަތަކީ އުނދަގޫ އެހެނަސް އަވަސް ހައްލެއް ބޭނުންވާ މަސައްކަތެއް: މޭޔަރ ޢާޒިމް

މޫސުމީ ބަދަލުތަކުގެ ސަބަބުން ދިމާވާ ކަންކަމުން މާލެ ސިޓީ، ދެމެހެއްޓެނިވި ސިޓީއެއްގެ ގޮތުގައި އޮތުމަށް ކުރާ މަސައްކަތަކީ އުނދަގޫ، އެހެނަސް އަވަސް ހައްލެއް ބޭނުންވާ މަސައްކަތެއް ކަމަށް، މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވިދާޅުވެއްޖެއެވެ.

މޭޔަރ ޢާޒިމް މި ފަދައިން ވިދާޅުވީ، ޗައިނާގެ ވެރިރަށް ބެއިޖިންގގައި، މިހާރު ކުރިޔަށްދާ ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ)ގެ މޭޔަރސް ފޯރަމްގެ ފަޔަރ ޗެޓް ސެޝަންގައި ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

ކާބަން މަދުކުރުމަށް، ހަކަތައިގެ ނުވަތަ ދަތުރުފަތުރުގެ އިޞްލާޙުތަކުން ފެށިގެން، އައްސޭރިފަށް ޙިމާޔަތްކުރުމާއި، މާލެ ސިޓީ ދެމެހެއްޓެނިވި ސިޓީއަކަށް ހެދުމަށް ކުރަމުންދާ މަސައްކަތްތަކާއި ގުޅޭ ގޮތުން ކުރެއްވި ސުވާލަށް ޖާވާބު ދެއްވަމުން މޭޔަރ އާޒިމް ވިދާޅުވީ، ކާބަން މަދުކުރުމަށް ކުރެވެމުންދާ މަސައްކަތް ފެށުމުގެ މަރުހަލާގައި ވީ ނަމަވެސް، ދެމެހެއްޓެނިވި ތަރައްޤީ ޙާޞިލް ކުރުމުގެ މަސައްކަތުން ކުރިއެރުންތައް ޙާޞިލްކުރެވެމުންދާ ކަމަށެވެ.

" އަޅުގަނޑުމެން ފެށީ، އަޅުގަނޑުމެންގެ މަގުތައް ބާރުވެފައިވާ މިންވަރު ދެނެގަތުމުން. އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް (އައި.ޔޫ.އެމް) އާއެކު އަޅުގަނޑުމެން ފަހުން ހެދި ދިރާސާއަކުން ދަނެގަނެވުނީ، ގިނަ ރައްޔިތުން މިހާރު ވެސް އިޙްސާސްކުރާ ކަމެކެވެ - އެއީ މާލޭގެ އިންފްރާސްޓްރަކްޗަރއަށް އެކަށީގެންނުވާ ވަރަށް ވުރެ ގިނަ އުޅަނދުތައް ހުރިކަން" މޭޔަރ އާޒިމް ވިދާޅުވިއެވެ.

މޭޔަރ ޢާޒިމް ވިދާޅުވީ، މާލެ ސިޓީގެ ތޮއްޖެހުމަކީ ހަމައެކަނި ރައްޔިތުންނަށް ކުރިމަތިވާ އުނދަގުލެއް ނޫން ކަމަށާއި، އެއީ ޞީއްޙީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން އެތައް ގެއްލުމަކާ ކުރިމަތިލާން ޖެހޭ ކަމެއް ކަމަށެވެ.

"މިކަމުން ވައިގެ ތަޣައްޔަރުކަން އިތުރުވެ، މަގުމަތީގެ ހާދިސާތައް ގިނަވެ، އަދި މީހުންގެ ވަގުތާއި ޢާމްދަނީ ނެތިދޭ" މޭޔަރ ޢާޒިމް ވިދާޅުވިއެވެ.

އެހެންކަމުން މާލެ ސިޓީގައި ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމަށް ޓަކައި، ތޮއްޖެހުން މަދުކުރުމުގެ ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރެވެމުންދާ ކަމަށް ވެސް، މޭޔަރ ޢާޒިމްގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ.

މޭޔަރ ޢާޒިމް ވިދާޅުވީ، މި ބަދަލުތައް ގެނައުމަށް، ސަރުކާރުން ކުރަމުންދާ މަސައްކަތުގައި މާލެ ސިޓީ ކައުންސިލަށް ލިބިފައިވަނީ ވަރަށް ކުޑަ ބާރެއް ކަމަށާއި އެހެން ނަމަވެސް ސިޓީ ކައުންސިލުން މި މަސައްކަތް ކުރަމުންދަނީ، މާލެ ސިޓީގެ ރައްޔިތުންގެ އަޑު ސަރުކާރަށް އިއްވުމަށް ކަމަށެވެ.

މޭޔަރ ޢާޒިމް ވިދާޅުވީ، ކާބަން ދަށް ކުރުމަށް ކުރާ މަސައްކަތަކީ، ހަމައެކަނި ވައިގެ ތަޣައްޔަރުވުމާ ގުޅިފައިވާ ކަންކަން ނޫން ކަމަށާއި، އޭގެތެރޭގައި، މީހުންގެ ދިރިއުޅުމާ ގުޅިފައިވާ ކަންކަން ވެސް ހިމެނޭ ކަމަށެވެ. މި ބަދަލުތަކުން މިހާރު ވެސް ދިރިއުޅުމަށް އަންނަމުންދާ ހެޔޮ ބަދަލުތަކާ ބެހޭ ގޮތުން މޭޔަރ ވަނީ ވާހަކަފުޅު ދައްކާވާފައެވެ.