މާލެ ސިޓީ ކައުންސިލް

މާލެ ސިޓީ ކައުންސިލް 16 ޖޫން 2025


ހުސްވި ހަފްތާގެ ތެރޭ ކައުންސިލްގެ ކޮމިއުނިޓީ އެންގޭޖްމެންޓް ޔުނިޓުން 655 މައްސަލައަށް އެޓެންޑް ކޮށްފި

މާލެ ސިޓީ ކައުންސިލްގެ ކޮމިއުނިޓީ އެންގޭޖްމެންޓް ޔުނިޓުން، މި ހިނގާ ޖޫން މަހުގެ 8 އިން 14 ވަނަ ދުވަހުގެ ނިޔަލަށް، 655 މައްސަލައަށް އެޓެންޑް ވެފައިވާ ކަމަށް ކައުންސިލްގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ކައުންސިލްގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި، މި މުއްދަތުގެ ތެރޭގައި ޖުމްލަ 558 މައްސަލަ ނިންމާފައިވާއިރު، ފޮލޯއަޕް ހަދާ ފައިވަނީ، 97 މައްސަލައެވެ. އަދި ނަޞޭޙަތް ދެވިފައިވާ 17 މައްސަލަ އާއި ޖޫރިމަނާ ކުރެވިފައިވާ 8 މައްސަލަ ހިމެނެއެވެ.

"ވީކްލީ ސްޓެޓިކްސް" ގެ ނަމުގައި ނެރޭ މި ރިޕޯޓްގައި ބުނެފައި ވާގޮތުން، އެންމެ ގިނައިން އެޓްންޑް ކުރެވިފައި ވަނީ، ކުނި މެނޭޖްކުރުމާ ގުޅޭ ގޮތުންނެވެ. އެ ގޮތުން މަގުތަކާއި ގޯޅިތަކާއި ހުސްބިން ތަކަށް ކުނި އެޅުމާ ގުޅޭ 226 މައްސަލައަށް ވަނީ އެޓެންޑް ކޮށްފައެވެ.

ދެ ވަނައަށް އެންމެ ގިނައިން އެޓެންޑް ކުރެވިފައިވަނީ ޢާންމުންގެ ރައްކާތެރި ކަމާގުޅޭ ކަންކަމުގައެވެ. އެ ގޮތުން މިސްކިތްތަކާއި މައިޒާން އަދި ޕާކުތައް ބަލައި ޗެކް ކުރުމާ ގުޅޭ 200 މައްސަލައަކަށް ވަނީ އެޓެންޑް ކޮށްފައެވެ. އަދި ތިން ވަނައަށް އެންމެ ގިނައިން އެޓްންޑް ވެފައިވަނީ ވެސް ޢާންމު ރައްކާތެރިކަމާ ގުޅޭ ގޮތުންނެވެ. އެ ގޮތުން މަގުގެ ޕޭމަންޓް، ކާނު، މަގުގެ ގައުތައް ނޫނީ ތާރަތައް ނެއްޓި ހަލާކުވެފައި ހުރުމާ ގުޅޭ 54 މައްސަލައަކަށް ވަނީ އެޓެންޑް ކޮށްފައެވެ.

ޖުމްލަ އަށް ކަމެއް އެކުލެވޭހެން، ކޮމިއުނިޓީ އެންގޭޖްމެންޓް ޔުނިޓުން ތައްޔާރު ކުރި މި ރިޕޯޓްގައި ފާހަގަ ކޮށްފައިވާ މައްސަލަތަކުގެތެރޭގައި ހިމެނެނީ، ކުނިމެނޭޖް ކުރުމާއި ޢާންމު ޢިޖްތިމާޢީ މިންގަޑާއި ޚިލާފުވުމާއި ޤަވާޢިދާ ޚިލާފު ހަރަކާތްތަކާއި ވިޔަފާރީގެ އުސޫލްތަކާ ޚިލާފުވުމާއި ޢާންމު ޝަކުވާތަކާއި ޢާންމު ރައްކާތެރިކަމާއި ޢާންމު ޞިއްޙަތާއި ޓްރެފިކް އަދި ޕާކިން ވައިލޭޝަނާއި ގުދުރަތީ އަދި ތިމާވެށީގެ މައްސަލަތަކެވެ.