ވިލިމާލޭގެ މަގު ތަކުގެ ކާނު ސާފު ކުރުމަށް، މާލެ ސިޓީ ކައުންސިލުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން، މި އަހަރުގެ ފުރަތަމަ ފަސް މަސް ދުވަހުގެ ތެރޭގައި، މިހާތަނަށް 11 މަގެއްގެ، 4505 އަށް ވުރެ ގިނަ ކާނު ސާފުކޮށްފިއެވެ.
މާލެ އަދި ވިލިމާލޭގެ ކާނު ސާފުކުރުމަށް މާލެ ސިޓީ ކައުންސިލުން ކުރަމުން އަންނަ މަސައްކަތްތަކާ ގުޅިގެން، މޭޔަރ އާދަމް ޢާޒިމް ވިދާޅުވީ، ކާނުތައް ސާފުކުރުމަށް މި ކުރާ ބުރަ މަސައްކަތްތަކަށް، ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ނުހަނު ބޮޑަށް ބޭނުން ކަމަށާއި، ކާނުތަކަށް ކުނި ނޭޅުމަށް ރައްޔިތުންގެ އަރިހު އެދޭ ކަމަށެވެ. އަދި މި އަހަރު ނިމުމުގެ ކުރިން މާލޭގެ ހުރިހާ މަގެއްގެ ކާނުތައް ސާފުކޮށް ނިންމާނެ ކަމަށް ވެސް މޭޔަރ ޢާޒިމް ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން މޭޔަރ ޢާޒިމް ވިދާޅުވީ، މާލޭގެ މަގުތަކަކީ، ހިނގާބިގާވެ އުޅޭ މީހުންނަށާއި ދުއްވާ އެއްޗިއްސަށް، އަމާން، ފަސޭހަ، ރައްކާތެރި މަގުތަކަށް ހެދުމަށް މާލެ ސިޓީ ކައުންސިލްގެ މުވައްޒަފުން ގިނަ މަސައްކަތްތަކެއް، މިހާރު ވެސް ކުރަމުން އަންނަ ކަމަށެވެ.
މޭޔަރ ޢާޒިމްގެ އަމާޒަކީ، މާލެ ސިޓީގެ މަގުތަކަކީ ސާފު ތަނަކަށް ހަދައި، ރައްޔިތުން އެދޭ ފަދަ ރީތި މަގުތަކަކަށް ހެއްދެވުމެވެ.