މާލެ ސިޓީ ކައުންސިލް

މާލެ ސިޓީ ކައުންސިލް 18 ޖޫން 2025


ވިލިމާލޭގައި އިތުރު ފާހާނަ ބަރިއެއް ހެދުމަށް ކައުންސިލުން ފާސްކޮށްފި

ޢާމްދަނީ ލިބޭނެ ވަސީލަތަކާއެކު، ވިލިމާލޭގައި އިތުރު ޕަބްލިކް ފާހާނަ ބަރިއެއް ހެދުމަށް މާލެ ސިޓީ ކައުންސިލުން ފާސްކޮށްފިއެވެ. ކައުންސިލުން މި ފާހާނަ ބަރި ތަރައްޤީ ކުރުމަށް ހަމަޖެހިފައި ވަނީ، ވިލިމާލޭގެ ހުޅަނގު ފަރާތުގައެވެ.

ކައުންސިލުން މި ކަން ފާސްކޮށްފައި ވަނީ، ބުދަ ދުވަހު ބޭއްވި މާލެ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ 199 ވަނަ ޖަލްސާގައެވެ.

މި އަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން، މޭޔަރ އާދަމް ޢާޒިމް ވިދާޅުވީ، ވިލިމާލޭގައި އިތުރު ފާހާނަ ބަރިއެއް ތަރައްޤީ ކުރުމުގެ އިތުރުން، މާލޭގައި ހުރި ޕަބްލިކް ފާހާނަ ބަރިތައް ތަރައްޤީ ކުރުމަށް، އަންނަ ހަފްތާގައި އިޢުލާން ކުރައްވާނެ ކަމަށެވެ.

"މާލެއާއި ވިލިމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް، ޕަބްލިކް އޭރިއާގައި ފާހާނަ ބަރިތައް ހުރުމަކީ މުހިންމު ކަމެއް. " މޭޔަރ ޢާޒިމް ވިދާޅުވިއެވެ.

މި ފާހާނަ ބަރިތައް ތަރައްޤީ ކުރުމަށް ހަމަޖެހިފައިވަނީ، ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނާއި މީހުންގެ އިތުރުން، ޢުމުރުން ދުވަސްވީ މީހުންނަށް ވެސް، ފަސޭހަ ވާނެ ގޮތަކަށް، ކަމަށް ވެސް މޭޔަރ ޢާޒިމް ވިދާޅުވިއެވެ.

މޭޔަރ ޢާޒިމްގެ އިތުރުން، މިއަދުގެ ޖަލްސާގައި ވާހަކަ ފުޅު ދައްކަވަމުން، ވިލިމާލެ ދާއިރާގެ ކައުންސިލަރު، ނަހުލާ އަލީ ވިދާޅުވީ، ވިލިމާލޭގައި އިތުރު ފާހާނަ ބަރިއެއް ތަރައްޤީ ކުރުން ވަރަށް މުހިންމު ކަމަށެވެ. އަދި ފާހާނަ ބަރި ތަރައްޤީ ކުރާއިރު، އަންހެން ފިރިހެން ވަކިން ބޭނުންކުރެވޭ ފާހާނަ ބަރިއަކާއި، ފެންވަރާތަނާއި ޗޭންޖިން ރޫމާއި، ނަމާދު ކުރާނެ ބައެއް ވެސް ވަކިން ހުންނާނެ، ގޮތަށް ވިސްނުން ބަހައްޓައިގެން މި ފާހާނާ ބަރި ތަރައްޤީ ކުރުން މުހިންމު ކަމަށް ނަހުލާ ވިދާޅުވިއެވެ.

ވިލިމާލޭގައި މި ވަގުތު ބޭނުން ކުރާ ޕަބްލިކް ފާހާނަ ބަރި ހުރީ އިރުމަތީ ފަރާތުގައެވެ.