ކުލަބް މާލެ ސިޓީއިން އިންތިޒާމްކޮށްގެން ބޭއްވުމަށް ނިންމާފައިވާ މާލެ ސިޓީ ކައުންސިލްގެ އިންޓަ ޑިޕާޓްމަންޓް ހޭންޑް ބޯލް މުބާރާތުގައި ބައިވެރި ވުމުގެ ފުރުޞަތު ހުޅުވާލައިފި އެވެ.
މިމުބާރާތާ ގުޅޭ ގޮތުން ކުލަބް މާލެ ސިޓީގެ ރައީސް ޞޮއްފާން އަހުމަދު ވިދާޅުވީ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ޖޫން މަހުގެ 29 ވަނަ ދުވަހާ ހަމައަށް ހުޅުވާލާފައި ވާއިރު، މުބާރާތާ ގުޅޭ މައުލޫމާތު 7902520 އަށް ގުޅުމުން ލިބޭނެ ކަމަށެވެ.
މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ އަންހެން އަދި ފިރިހެން ޑިވިޝަން ވަކިން ކަމަށާއި މުބާރާތުގެ މެޗްތައް ކުޅުމަށް ހަމަޖެހިފައި ވަނީ އަންނަ ޖުލައި މަހުގެ 10، 11 އަދި 12 ގައެވެ.
މުބާރާތުގެ ހުރިހާ މެޗްތަކެއް ވެސް ކުޅުމަށް ހަމަޖެހިފައި ވަނީ މާލެ ސިޓީ ކައުންސިލްގެ ޢާންމު ޚިދުމަތްތަކާ ބެހޭ އޮފީސް ހުންނަ، ތައިސޭކޮށީގެ ގޯތި ތެރޭގައި އޮންނަ ފުޓްސަލް ދަނޑުގައެވެ.
މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 8000 ރުފިޔާގެ ފައިސާގެ އިންމާ ހުށަހެޅިފައިވާއިރު، ރަނަރަޕް ޓީމަށް ހުށަހެޅިފައިވަނީ 6000 ރުފިޔާއެވެ. އަދި ދެ ވަނަ ރަނަރަޕް ޓީމަށް ހުށެހެޅިފައިވަނީ 4000 ރުފިޔާގެ ފައިސާގެ އިނާމެކެވެ.
މި މުބާރާތާ ގުޅޭ ގޮތުން މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވިދާޅުވީ މިއީ މިފަދަ މުބާރާތެއް މާލެ ސިޓީ ކައުންސިލުން، ކައުންސިލްގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ބާއްވާ ފުރަތަމަ ފަހަރު ކަމަށެވެ. އަދި މިމުބާރާތް ބޭއްވުމުގެ އެންމެ ބޮޑު އެއް މަޤްސަދަކީ އެކުވެރި ކަމާއި ލޯބާއެކު އެއްތާކުން ހުރިހާ މުވައްޒަފުން ވެސް ބައްދަލުވެ ގުޅުން ބަދަހިކުރުން ކަމަށް މޭޔަރ ވިދާޅުވިއެވެ.