ވިލިމާލޭގައި މި ވަގުތު ކުޑަ ކުދިން ކުޅެލަން ދިއުމަށް ހުރި ހަމައެކަނި ޕާކު ކަމުގައިވާ، ވިލި ދޫނި ބަގީޗާ މަރާމާތުގެ މަސައްކަތްތަކެއް ކުރުމަށް ބަންދުކޮށްފިއެވެ. ޕާކު ބަންދުކޮށްފައިވަނީ 06 ޖުލައި 2025 (އާދީއްތަ) ދުވަހުއެވެ.
މި ޕާކު ހަދާފައިވަނީ އަމިއްލަ ފަރާތެއް ކަމަށްވާ، ފިޔަ ފައުންޑޭޝަނުންނެވެ. ފިޔަ ފައުންޑޭޝަނުން، ޕާކު ހެދުމަށް ފަހު މާލެ ސިޓީ ކައުންސިލާ ހަވާލު ކޮށްފައިވަނީ، 10 މެއި 2021 ކުޑަކުދިންގެ ދުވަހުއެވެ.
މިހާރު މި ޕާކުގައި ކުޑަ ކުދިން ކުޅެން ބޭނުންކުރާ ޓްރެމްޕޮލިން، ސްލައިޑް އަދި އުނދޯލި ފަދަ ތަކެތި، ގިނަ ދުވަސްވެ ހަލާކުވުމުގެ އިތުރުން، ޕާކުގެ ވަށައިގެންވާ ފެންސް ވެސް ހުރީ ނެއްޓިފައެވެ. މި ކަންކަން ރަނގަޅު ކުރުމަށް ޓަކައި، ބޮޑު މަސައްކަތެއް ކުރަން ޖެހިފައިވާތީ ޕާކު ވަނީ، ވަގުތީގޮތުން ބަންދުކޮށްފައެވެ.
ޕާކު މަރާމާތުކުރުމަށް ކުރާ މަސައްކަތްތަކުގެ ތެރޭގައި، ޕާކު ވަށައިގެން އައު ފެންސު ޖެހުމާއި، އައު ޓްރެމްޕޮލިން، ސްލައިޑް، ޕަޒްލް އަދި މެއިޒް ފަދަ، ކުދިން އުފާވާނޭ ކުޅޭސާމާނު ބެހެއްޓުމުގެ އިތުރުން، ޕާކުގައި ޗައިލްޑް ސޭފް މެޓް އެޅުމާއި، އެކި ކުލަކުލައިގެ ބަގީޗާ ގަސް ހައްދައި ޒީނަތްތެރި ކުރުން ވެސް ހިމެނެއެވެ.
ސިޓީ ކައުންސިލުން މަސައްކަތްކުރަމުންދަނީ މި ހިނގާ ޖުލައި މަހުގެ ނިޔަލަށް، ހުރިހާ މަރާމާތެއް ނިންމައި އަލުން ޕާކު ހުޅުވުމަށެވެ.
މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް، މޭޔަރުކަމާ ޙަވާލުވެ ވަޑައިގެންނެވި ފަހުން ،މާލެ ސިޓީގެ ރައްޔިތުންނަށް ރައްކަތެރި އަމާން އުފާވެރި ތަނަކަށް މާލެ ސިޓީ ހެއްދެވުމަށް، މި ފަދަ ގިނަ މަސައްކަތް ޕުޅުތައް ކުރައްވަމުން ގެންދަވާކަން ފާހަގަކުރެވެއެވެ.