އަންނައޮތް ޖީލަށް މަޤުފަހިވާގޮތަށް، ލިޔުންތެރިންގެ މަސައްކަތް ބައްޓަން ކުރެއްވުމަށް މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް އިލްތިމާސް ކުރައްވައިފި އެވެ.
މޭޔަރ ޢާޒިމް މިކަމަށް އިލްތިމާސްކުރެއްވީ ރާއްޖޭގެ ލިޔުންތެރިންގެ ދުވަހާ ގުޅިގެން އެ މަނިކުފާނުގެ އަމިއްލަފުޅު ސޯޝަލް މީޑިއާގެ އެކައުންޓްތަކުގައި ޙިއްޞާ ކުރެއްވި ފޯސްޓެއްގައެވެ.
މޭޔަރ ޢާޒިމް ވިދާޅުވީ ލިޔުންތެރިންނަކީ، ޤައުމުގެ މުސްތަޤުބަލް ބައްޓަން ކުރުމުގެ، ވަރަށް ބޮޑު ބާރަކާއި، ނުފޫޒެއް އޮތް ބަޔެއް ކަމަށާއި އެހެން ކަމުން އަންނައޮތް ޖީލު، ހެޔޮގޮތުގައި ބައްޓަންކުރުމަށް މަޤުފަހިވާގޮތަށް، ލިޔުންތެރިންގެ މަސައްކަތް ބައްޓަންކުރުން ވަރަށް ވެސް މުހިންމު ކަމަށެވެ.
"ލިޔުންތެރިންނަކީ، ޤައުމުގެ މުސްތަޤުބަލް ބައްޓަން ކުރުމުގެ، ވަރަށް ބޮޑު ބާރަކާއި، ނުފޫޒެއް އޮތް ބަޔެއް. އަންނައޮތް ޖީލު، ހެޔޮގޮތުގައި ބައްޓަންކުރުމަށް މަޤުފަހިވާގޮތަށް، ލިޔުންތެރިންގެ މަސައްކަތް ބައްޓަންކުރެއްވުމަށް، ދިވެހި ލޮބުވެތި ލިޔުންތެރިންނަށް، އަޅުގަނޑު އިޚުލާސްތެރިކަމާއެކު އިލްތިމާސްކުރަން." މޭޔަރ ޢާޒިމް ވިދާޅުވި އެވެ.
މީގެ އިތުރުން މޭޔަރ ޢާޒިމް ވަނީ ރާއްޖޭގެ ލިޔުންތެރިންގެ ދުވަހާ ގުޅިގެން ދިވެހި ބަހާއި، ތާރީޚާއި، ސަޤާފަތާއި، އާދަކާދައާއި، އަދި ދިވެހި ވަންތަކަން، ނަގަހައްޓައި، ދެމެހެއްޓުމުގެ އަގުހުރި، ބުރަ، މަސައްކަތްކުރައްވާ، ހިތްވަރުގަދަ ދިވެހި ލިޔުންތެރިންނަށް ތަހުނިޔާ އަރިސްކުރައްވައިފައެވެ.
ރާއްޖޭގެ ލިޔުންތެރިންގެ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ޖުލައި މަހުގެ 8 ވަނަ ދުވަހުއެވެ. އެއީ ރާއްޖޭގައި ޗާޕުކޮށްގެން އެންމެ ފުރަތަމަ މަޖައްލާއެއް ނެރުނު ދުވަހެވެ. "އަލްއިޞްލާޙް" ގެ ނަމުގައި ނުކުތް މަޖައްލާގެ ފުރަތަމަ ޢަދަދު ނެރުނީ 1933 ވަނަ އަހަރުގެ ޖުލައި މަހުގެ 8 ވަނަ ދުވަހުއެވެ. މި މަޖައްލާ ނެރެން ފަށާފައިވަނީ 22 ޑިސެމްބަރު 1932 ގައި ތަންފީޒުކުރަން ފެށުނު ރާއްޖޭގެ ފުރަތަމަ ޤާނޫނުއަސާސީއިން ލިބުނު މިނިވަންކަމުގެ ތެރެއިންނެވެ.