މާލެ ސިޓީ ކައުންސިލް

މާލެ ސިޓީ ކައުންސިލް 09 ޖުލައި 2025


ކުލަބް މާލެ ސިޓީގެ އިންޓަ ޑިޕާޓްމަންޓް ހޭންޑް ބޯލް މުބާރާތުގައި އަށް ޓީމް ބައިވެރިވެއްޖެ

ކުލަބް މާލެ ސިޓީން އިންތިޒާމްކޮށްގެން ބޭއްވުމަށް ނިންމާފައިވާ، މާލެ ސިޓީ ކައުންސިލްގެ އިންޓަ ޑިޕާޓްމަންޓް ހޭންޑް ބޯލް މުބާރާތުގައި އަށް ޓީމް ބައިވެރިވެއްޖެއެވެ.

މި މުބާރާތާ ގުޅޭ ގޮތުން، ކުލަބް މާލެ ސިޓީގެ ރައީސް، ޞޮއްފާން އަހުމަދު ވިދާޅުވީ، މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު، ޖޫން މަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް ހަމަވިއިރު، މުބާރާތުގައި ބައިވެރިވެފައި ވަނީ ޖުމްލަ އަށް ޓީމް ކަމަށާއި އެއީ ފިރިހެން ތިން ޓީމާއި އަންހެން ފަސް ޓީމެވެ.

މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ، އަންހެން އަދި ފިރިހެން ޑިވިޝަން ވަކިން ކަމަށާއި މުބާރާތުގެ މެޗްތައް ކުޅުމަށް ހަމަޖެހިފައި ވަނީ، ޖުލައި މަހުގެ 10، 11 އަދި 12 ގައެވެ.

މުބާރާތުގެ މެޗްތައް ކުރިއަށް ދާނީ، ލީގު އުސޫލުން ބުރެއް ކުޅުމަށް ފަހު، އަންހެން އަދި ފިރިހެން ޑިވިޝަނުން ވެސް އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމެއް ފައިނަލަށް ދަތުރުކުރާ ގޮތަށެވެ. އަދި ފައިނަލްގެ ދެ ވަނަ ޖާގަ ކަށަވަރު ވާނީ، ރޭންކިންގެ ދެ ވަނަ ޓީމާއި ތިން ވަޓީމް ކުޅެގެން މޮޅުވާ ޓީމެކެވެ.

މުބާރާތުގެ ހުރިހައި މެޗްތަކެއް ވެސް ކުޅުމަށް ހަމަޖެހިފައިވަނީ، މާލެ ސިޓީ ކައުންސިލްގެ ޢާންމު ޚިދުމަތްތަކާ ބެހޭ އޮފީސް ހުންނަ، ތައިސޭކޮށީގެ ގޯތި ތެރޭގައި އޮންނަ ފުޓްސަލް ދަނޑުގައެވެ.

މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 8000 ރުފިޔާގެ ފައިސާގެ އިނާމު ހުށަހެޅިފައިވާއިރު، ރަނަރަޕް ޓީމަށް ހުށަހެޅިފައިވަނީ 6000 ރުފިޔާއެވެ. އަދި ދެ ވަނަ ރަނަރަޕް ޓީމަށް ހުށެހެޅިފައިވަނީ 4000 ރުފިޔާއެވެ.

މި މުބާރާތާ ގުޅޭ ގޮތުން، މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ވިދާޅުވީ، މުވައްޒަފުންގެ މެދުގައި މި ފަދަ މުބާރާތްތައް ބޭއްވުމުގެ އެންމެ ބޮޑު އެއް މަޤްސަދަކީ، އެކުވެރި ކަމާއި ލޯބާއެކު އެއްތާކުން ހުރިހައި މުވައްޒަފުން ބައްދަލުވެ ގުޅުން ބަދަހިކުރުމެވެ.

މާލެ ސިޓީގެ މޭޔަރުކަމާ، މިހާރުގެ މޭޔަރ، އާދަމް ޢާޒިމް ހަވާލެވެ ވަޑައިގެންނެވި ފަހުން، މާލެ ސިޓީ ކައުންސިލުން، ރައްޔިތުންނަށް ދެމުންގެންދާ ޚިދުމަތްތައް، ލޯތްބާއި، ހިނިތުންވުމާއެކު، އަވަހަށް ދިނުމަށް ޓަކައި، މުއައްޒަފުން އަހުލުވެރިކުރުވުމަށް، މި ފަދަ ތަފާތު ހަރަކާތްތައް ރާވައި ހިންގަމުންދާކަން ފާހަގަ ކުރެވެއެވެ.