އޮސްޓްރިއާގެ ވިއެނާގައި އޮތް، 14 ވަނަ މޭޔަރސް ފޯރަމް އޮފް ދަ ވޯލްޑް ސިޓީސް ސަމިޓްގައި ބައިވެރިވެވަޑައިގަތުމަށް ފަހު މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ރާއްޖެ ވަޑައިގެންފިއެވެ.
ޖުލައި 2 އިން 4 އަށް ކުރިއަށް ދިޔަ މި ފޯރަމްގައި، މޭޔަރ ޢާޒިމްގެ އިތުރުން ޑެޕިއުޓީ މޭޔަރ މުޙައްމަދު އަރީޝާއި ހުޅުމާލެ ދާއިރާގެ ކައުންސިލަރު ޢަލީ އައިމަން އަދި ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް އަބްދުލް މުހައިމިން ނަސީރު ބައިވެރިވެވަޑައިންނެވިއެވެ.
މި ދަތުރުފުޅަށް ފަހު ރާއްޖެ ވަޑައިގެން މޭޔަރ ޢާޒިމް ވިދާޅުވީ، ރާއްޖެ ފަދަ، ކުޑަ ގައުމެއްގެ ބައިވެރިވުން، މި ފަދަ ފޯރަމްތަކަށް ވަރަށް މުހިންމު ކަމަށާއި، އެ ގޮތުން ޕޮލިސީ ލެވަލްގައި އެކި ޤައުމުތަކުގެ މޭޔަރުން ބައިވެރިވެވަޑައިގެން ނިންމަވާ މުހިންމު ނިންމެވުންތަކާއި ކުރެވޭ އެކި އެކި މަޝްވަރާތަކުގެ ފައިދާ ބޮޑުކަމަށެވެ. މި ފޯރަމުން ދުނިޔޭގެ އެކި ސިޓީތަކުގެ ވެރިންގެ މެދުގައި، ގުޅުން ބަދަހިވެ އެންމެ ރަނގަޅު އާދަތައް ހިއްސާކުރެވުނު ކަމަށާއި އަދި ސިޓީތަކަށް ދިމާވެފައިވާ ޢާންމު ގޮންޖެހުންތަކާ ބެހޭގޮތުން ފާއިދާ ކުރެވެނި މަޝްވަރާތަކެއް ކުރެވުނު ކަމަށް ވެސް، މޭޔަރ ޢާޒިމް ވިދާޅުވިއެވެ.
މީގެ އިތުރުން މި ދަތުރުގެ ހަވާސާގައި، ޗައިނާގެ ސޫޒާ ސިޓީގެ މޭޔަރ ވޫ ކިން ކުއެންއާ، މެޔަރ ޢާޒިމް ވަނީ ބައްދަލުކުރައްވައިފައެވެ.