ހައުސިން މިނިސްޓަރ ޑރ. ޢަބްދުﷲ މުއްޠަލިބާ ބައްދަލުކުރެއްވުމަށް، މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމާއި ކައުންސިލަރުން ހައުސިން މިނިސްޓްރީއަށް ވަޑައިގެންފިއެވެ. ނަމަވެސް މިނިސްޓަރުގެ މަސައްކަތްޕުޅުތައް ހުރިގޮތުން މިއަދު ބައްދަލުކުރެވޭގޮތް ވަނީ ނުވެފައެވެ.
މޭޔަރާއި ކައުންސިލަރުން، މިނިސްޓަރާ ބައްދަލުކުރައްވަން ވަޑައިގެންނެވީ، ވިލިމާލޭގެ ފުނަވައު ސަރަހައްދުގައި، ހައުސިން ޕްރޮޖެކްޓެއް ކުރިއަށްގެންދާތީ، އެ ކަމާ ގުޅިގެން، ޢާންމު ރައްޔިތުންގެ ފަރާތުން ހުށަހަޅާފައިވާ ޕެޓިޝަނަކާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށެވެ.
މޭޔަރ ޢާޒިމް ވިދާޅުވީ، ވިލިމާލެ ފުނަވައުގައި ކުރިއަށްގެންދާ މި މަޝްރޫޢަކީ ސިޓީ ކައުންސިލުން ހިންގާ މަޝްރޫޢެއް ނޫން ކަމަށާއި، އެއީ ސީދާ ހައުސިން މިނިސްޓްރީން ކުރިއަށްގެންދާ މަޝްރޫޢެއްކަމަށެވެ.
މޭޔަރ ޢާޒިމް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، އެ ސަރަހައްދުގައި ޕްރޮޖެކްޓް ހިންގުމުގެ ސަބަބުން ފުނަވައުއަށް ގެއްލުން ލިބެމުންދާތީ، އެ ކަމުގެ ކަންބޮޑުވުން މިނިސްޓަރާ ހިއްސާކުރަން ބޭނުންވެވަޑައިގަންނަވާކަމަށެވެ. "މިނިސްޓަރާ ބައްދަލުކޮށް މަޝްވަރާކުރަންޖެހޭ ގިނަ ކަންތައްތަކެއް އެބަހުރި. ނަމަވެސް މިއަދު ޖަވާބު ލިބުނީ، މިނިސްޓަރު ބިޒީކޮށް އުޅުއްވާތީ ބައްދަލުކުރެވެން ނެތް ކަމަށް،" ޢާޒިމް ވިދާޅުވިއެވެ.
މި ބައްދަލުވުމާ ގުޅޭގޮތުން ހައުސިން މިނިސްޓްރީން ބުނެފައިވަނީ، އަންނަ ހަފްތާގެ ތެރޭގައި ބައްދަލުވުމަކަށް ވަގުތު ދޭނެ ކަމަށެވެ. އެހެންކަމުން އަންނަ ހަފްތާގައި ވެސް މިނިސްޓަރާ ބައްދަލުކުރެއްވުމަށް ވަޑައިގަންނަވާނެ ކަމަށް މޭޔަރ ޢާޒިމް ވިދާޅުވިއެވެ.
މޭޔަރ ޢާޒިމް ވިދާޅުވީ، ވިލިމާލޭގެ ތިމާވެއްޓަށް ކުރިމަތިވާ މައްސަލަތަކާމެދު ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލެއް ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ހުއްޓަވައިނުލައްވާނެ ކަމަށެވެ. "އަޅުގަނޑު އުންމީދު ކުރަނީ އަންނަ ހަފްތާގައި މިނިސްޓަރާ ބައްދަލުކުރެވޭނެ ކަމަށް. ބައްދަލުކުރެވެންދެން އަޅުގަނޑުމެން މި ތަނަށް އަންނާނަން" މޭޔަރ ޢާޒިމް ވިދާޅުވިއެވެ.
