ވިލިމާލެ ރައްޔިތުންގެ ބައްދަލުވުމުގެ ތެރެއިން

މާލެ ސިޓީ ކައުންސިލް އިދާރާ11 މާޗް 2022


ސިޓީ ކައުންސިލުން ކުރާ މަސައްކަތްތަކަށް ޝުކުރު ދަންނަވަން: އުޝާމް

މާލެ ސިޓީ ކައުންސިލުން ދެމުންގެންދާ ޚިދުމަތްތަކާއި ކައުންސިލްގެ މަސައްކަތްތައް ބަލައި ގަންނަ ކަމަށާއި، ކައުންސިލުން ކުރަމުންދާ މަސައްކަތްތަކަށް ޝުކުރު ދަންނަވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.

އުޝާމް މިފަދައިން ވިދާޅުވީ ވިލިމާލޭގެ ބިން ބޭނުން ކުރާނެ ގޮތާއި ގުޅޭގޮތުން، ރައްޔިތުންގެ ޚިޔާލު ހޯދުމަށް ބުދަ ދުވަހުގެ ރޭ މާލެ ސިޓީ ކައުންސިލުން ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ވިލިމާލެ ދާއިރާގެ ރައްޔިތުންގެ އެދުމާއި އެއްގޮތަށް ވިލިމާލޭގައި ޤާއިމް ކުރުމަށް ނިންމާފައިވާ ވަގުތީ މާރުކޭޓް އެހެން ސަރަޙައްދަކަށް ބަދަލު ކުރުމަށް މޭޔަރ ނިންމެވުމާއި ގުޅިގެން މެމްބަރު އުޝާމް ވަނީ މޭޔަރ މުޢިއްޒު އާއި ދާއިރާގެ ކައުންސިލަރ ނަހުލާގެ އިތުރުން މާލެ ސިޓީގެ ހުރިހާ ކައުންސިލަރުންނަށް ވިލިމާލެ ދާއިރާގެ ރައްޔިތުންގެ ނަމުގައި ޝުކުރު ދަންނަވާފައެވެ.

އުޝާމްގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ ވިލިމާލޭގައި އަދި ޖުމްލަގޮތެއްގައި މާލެ ސިޓީގެ ތަރައްޤީގެ ހުރިހާ މަޝްރޫޢުއަކާއި ގުޅިފައި އޮންނަނީ ފައިސާއާއި ކަމަށާއި، ގިނަފަހަރު ދަޢުލަތުގެ ބަޖެޓުން އެކަންކަން ނުކުރެވޭ ކަމަށެވެ.

އަދި އެގޮތަށް އެކަން ނުކުރެވުމުގެ ސަބަބުން މުޅިން އާ މޮޑެލްއަކަށް އެކަން ކުރެވޭތޯ މާލެ ސިޓީ ކައުންސިލުން މަސައްކަތް ކުރައްވަމުންދާ ކަމަށް އުޝާމް ވިދާޅުވިއެވެ.

ބަޖެޓް ލިބޭ މިންވަރަކުން އެބޭފުޅުން އެ މަސައްކަތްތައް ކުރައްވާއެބަ އިނގޭތޯ. އެހެން ވީމަ އެބޭފުޅުން އެކުރައްވާ ބުރަ މަސައްކަތަށް އަޅުގަނޑު ހަމަ ގައިމުވެސް ވަރަށް އެޕްރިޝިއޭޓް ކުރަން އަދި ޝުކުރުވެސް ދަންނަވަން އިނގޭތޯ

މި މޭރުމުން ވާހަކަ ދައްކަވަމުން އުޝާމް ވިދާޅުވީ މިހާރު މިއޮތް ސަރުކާރުން އިޚްލާސްތެރި ކަމާއިއެކު ވިލިމާލޭގެ ތަރައްޤީއަށް ކަމެއް ކޮށްދެއްވާނެ ކަމަށް ޤަބޫލު ނުކުރައްވާ ކަމަށެވެ.