މާލެ ސިޓީ ކައުންސިލް

މާލެ ސިޓީ ކައުންސިލް04 އޯގަސްޓް 2026


މާލެއަށް އުދައަރާ ވަގުތުތަކުގައި އެންމެ ބޮޑަށް އަސަރުކުރާ 6 ސަރަހައްދެއް ސިޓީ ކައުންސިލުން ފާހަގަކޮށްފި

މާލެއަށް އުދައަރާ ވަގުތުތަކުގައި އޭގެ ނޭދެވޭ އަސަރު އެންމެ ބޮޑަށް ފޯރާ ހަ ސަރަހައްދެއް މާލެ ސިޓީ ކައުންސިލްގެ ޑިޒާސްޓަރ ޔުނިޓުން ފާހަގަކޮށް، އެކަން އާންމުކޮށްފިއެވެ.

މިއީ އުދައެރުމުގެ ސަބަބުން ކުރިމަތިވާ މައްސަލަތަކަށް ދުރާލާ ތައްޔާރުވުމުގެ ގޮތުން ކައުންސިލުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ފާހަގަކުރި ސަރަހައްދުތަކެކެވެ.

ކައުންސިލުން ފާހަގަކުރި ހަ ސަރަހައްދުގެ ތެރޭގައި ހިމެނެނީ ސިނަމާލެ ބްރިޖް ސަރަހައްދު، އިންޑަސްޓްރިއަލް ޒޯން، ނަސަންދުރަ ސަރަހައްދު، ނިއު ޕޯޓް ސަރަހައްދު، ސްވިމިންގ ޓްރެކް އަދި ކާނިވަލް ސަރަހައްދެވެ.

މި ސަރަހައްދުތަކަކީ އާންމުކޮށް އުދަ އަރާ ވަގުތުތަކުގައި ބޮޑެތި ގެއްލުންތަކެއް ލިބޭ ސަރަހައްދުތަކެއްގެ ގޮތުގައި ވަނީ ފާހަގަކުރެވިފައެވެ.

މީގެ އިތުރުން، އުދައަރާ ހާލަތްތަކުގައި އެންމެ ބޮޑަށް އަސަރުކުރާ ތިން ސަރަހައްދެއްވެސް ކައުންސިލުން ވަނީ ވަކިން ފާހަގަކޮށްފައެވެ. އެއީ އިންޑަސްޓްރިއަލް ޒޯން، ކާނިވަލް ސަރަހައްދު އަދި ނަސަންދުރަ ސަރަހައްދެވެ. މި ސަރަހައްދުތަކަށް އުދައިގެ އަސަރު އެހެން ތަންތަނަށްވުރެ ބޮޑަށް ކުރާކަން ކައުންސިލުން ފާހަގަކުރެއެވެ.

އެންމެ ފަހުން 26 ޖުލައި 2026 ގައި މާލެއަށް އުދައެރި ހާދިސާގައިވެސް މި ސަރަހައްދުތަކަށް ވަނީ ބޮޑެތި އަސަރުތަކެއް ކޮށްފައެވެ. އެ ދުވަހު އުދައެރުމުގެ ސަބަބުން މަގުތަކުގައި ފެންބޮޑުވެ، ވެއްޔާއި އަކިރި އަރައި ދަތުރުފަތުރު ކުރުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވިއެވެ.

އުދައެރުމުގެ ސަބަބުން މަގުތަކުގައި ފެންބޮޑުވެ ވެލި އެޅޭ ހާލަތްތަކުގައި، އެކަންކަން ހައްލުކޮށް މަގުތައް ސާފުކުރުމުގެ މަސައްކަތުގައި އެންމެ ފުރަތަމަ އިސްނަގައިގެން ނުކުންނަނީ ކައުންސިލުންނެވެ. މިފަދަ ހާލަތްތަކުގައި ރައްޔިތުންނަށް ދިމާވާ ދަތިތައް ކުޑަކުރުމަށް ކައުންސިލުން އަބަދުވެސް މަސައްކަތް ކުރަމުންދާނެއެވެ.