އައު އަހަރު ފެށޭ ދުވަހު ވަކި ގަޑިތަކެއްގައި ފައިމަގުގައި އުޅޭ ގޮތަށް ހަމަޖައްސައިފި

އައު އަހަރު ފެށޭ ދުވަހު ވަކި ގަޑިތަކެއްގައި ފައިމަގުގައި އުޅޭ ގޮތަށް ހަމަޖައްސައިފި

7 މަސް ކުރިން

އައު އަހަރު ފެށޭ ދުވަހު ވަކި ގަޑިތަކެއްގައި މާލޭ ސިޓިގެ މާލެ އަދި ވިލިމާލޭގައި އެއްގަމު އުޅަނދު ދުއްވުން މަނާކޮށްފިއެވެ.

މާލޭ ސީޓި ކައުންސިލްގެ ގަރާރަކުން ނިންމާ އިޢުލާންކޮށްފައިވާގޮތުން 2021 ވަނަ އަހަރުގެ ޖަނަވަރީމަހުގެ 1 ވަނަ ދުވަހުގެ ހަވީރު 4:00 ފެށިގެން  އެރޭގެ 8:00 އާ ދެމެދު މާލޭ ސިޓީގެ މާލެ އަދި ވިލިމާލޭގެ މަގުތަކުގައި ޢާއްމުކޮށް އެއްގަމު އުޅަނދު ދުއްވުމަކީ މަނާކަމެކެވެ.

މާލޭ ސީޓި ކައުންސިލުން މިގޮތަށް ހަމަޖެއްސީ ކޮވިޑް – 19 ގެ ޙާލަތުގެ ފުރަބަންދުގައި މާލޭ ސިޓި އޮތުމަށްފަހު އަދިވެސް ރޯގާގެ ޙާލަތުން މުޅިން އަރައިގަނެވިފައިނުވުމާއެކު، ހިތްހަމަ ޖައްސާލުމަށް ހިތްފަސޭހަކަމާއެކު މަގުތަކުގައި ހިނގާބިނގާވެ އުޅުމަށް ފުރުޞަތު ފަހިކުރުމުގެ ގޮތުންނެވެ. މީގެ އިތުރުން މާލޭ ސިޓީއަކީ މަގުތަށް އަމާންވެފައިވާ ސިޓީއަކަށް ހެދުމަށް ކުރާ މަސައްކަތް މިއަހަރުތެރޭގައި އިތުރަށް ވަރުގަދަކުރުން ރަމްޒުކޮށްދިނުންވެސް މިކަމުގެ ސަބަބުތަކުގެތެރޭގައި ހިމެނެއެވެ. މާލޭ ސިޓީ ކައުންސިލުން ސަރުކާރުގެ މުވައްސަސާތަކާ ގުޅިގެން މިހާރު ކުރިއަށް ގެންދާ މަޝްރޫޢުތަކުގެ ދަށުން މާލޭގެ މަގުތަށް ރަނގަޅުފެންވަރަކަށް ހަދައި ހިތްފަސޭހަކަމާއެކު ހިނގާބިނގާވެއުޅުމަށް މަގުފަހިކުރުން ހިމެނެއެވެ. މީގެ އިތުރުން ބަސްދަތުރުތަށް ފަށައި މީހުން ބަސްދަތުރުތަކަށް އަހުލުވެރިކޮށް އެއްގަމު އުޅަނދު މަދުކުރުމަށްކުރާ މަސައްކަތްތައްވެސް މި އަހަރުތެރޭގައި ވަރުގަދަކުރެވޭނެއެވެ.

މިގޮތަށް ހަމަޖެއްސިކަމުގައި ވިއަސް ޒަރޫރީ ބޭނުންތަކަށް ދުއްވާ އުޅަނދުފަހަރަށް ޚާއްޞަ ފާހެއްދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.

ދުވަހުގެ ޕްރޮގްރާމްތަކުގެތެރެއިން މާލޭ ސިޓީ ކައުންސިލުން ކުރިއަށްގެންދާ މަގުހެދުމުގެ މަޝްރޫޢުގެ ދަށުން މާފަންނު ކަނބާއައިސާރަނި ހިނގުމުން މިހާރު ހަދާފައިވާ ބައި ޢާއްމު ދަތުރުފަތުތަކަށް ހުޅުވާލުން ހިމެނެއެވެ.