މާފަންނު ބޮޑުގޭގައި އިސްލާމީ މަރުކަޒެއް ހެދުމަށް ރައްޔިތުންގެ ޚިޔާލަށް މޭޔަރ ހުށަހަޅުއްވައިފި

މާފަންނު ބޮޑުގޭގައި އިސްލާމީ މަރުކަޒެއް ހެދުމަށް ރައްޔިތުންގެ ޚިޔާލަށް މޭޔަރ ހުށަހަޅުއްވައިފި

1 މަސް ކުރިން

މާފަންނު ބޮޑުގޭގައި އިސްލާމީ މަރުކަޒެއް ތަރައްޤީކުރުމުގެ ވިސްނުން ރައްޔިތުންގެ ޚިޔާލަށް، މާލޭ ސިޓީގެ މޭޔަރ ޑރ.މުޙައްމަދު މުޢިއްޒު ހުށަހަޅުއްވައިފިއެވެ.

ތާޖުއްދީން ސްކޫލުގައި ރޭ ބޭއްވި މާފަންނު ރައްޔިތުންގެ ބައްދަލުވުމުގައި ސިޓީ ކައުންސިލްގެ ތަރައްޤީގެ ޕްލޭން ހުށަހަޅުއްވަމުން، ބޮޑުގޭ ގޯތީގައި ހަދާ އިސްލާމީ މަރުކަޒުގެ ކުރެހުން ރައްޔިތުންނާ ހިއްސާކުރައްވައި މޭޔަރ ވިދާޅުވީ މިއީ ހަމައެކަނީ ޚިޔާލެއްކަމަށެވެ. އެހެން ނަމަވެސް މިކަން ފައިސަލާވެގެންދާނީ ރައްޔިތުން މިއާމެދު ދެކޭގޮތެއްގެ މައްޗަށް ބިނާކޮށްކަމަށެވެ. މި އިސްލާމީ މަރުކަޒަކީ 4 ބުރިއަށް އިމާރާތްކުރުމަށް ފަރުމާކޮށްފައިވާ ޒަމާނީފެންވަރުގެ ތަނެކެވެ. މޭޔަރ ވިދާޅުވީ ބޮޑުގޭ ސަރަޙައްދަކީ ގިނަ ޢަދަދެއްގެ މީހުން ދިރިއުޅޭ ސަރަޙައްދެއްކަމަށެވެ. އެހެންކަމުން މިފަދަ ތަނެއް ބޭނުންވާނެކަން ހާމަކުރެއްވިއެވެ.

ރޭގެ ބައްދަލުވުމުގައި ރައްޔިތުންގެތެރެއިން ޚިޔާލުފާޅުކުރެއްވި ބައެއް ބޭފުޅުން ވަނީ މިގޮތަށް ބޮޑުގޭގައި އިސްލާމީ މަރުކަޒެއް ތަރައްޤީކުރުމުގެ ޚިޔާލަށް ތާއީދުކުރައްވާފައެވެ.

މާލޭ ސިޓީގެ ތަރައްޤީގެ ޕްލޭނާއި، ފައިނޭންޝަލް ޕްލޭނާއި، އަންނަ އަހަރަށް ލަފާކުރާ ބަޖެޓާއި، އެކްޝަން ޕްލޭނަށް ޚިޔާލު ހޯދުމުގެ މާފަންނު ރައްޔިތުންގެ ބައްދަލުވުން ރޭ ބޭއްވީ ތާޖުއްދީން ސްކޫލުގެ ހޯލުގައެވެ.

މޭޔަރ ޑރ. މުޙައްމަދު މުޢިއްޒު، މި ބައްދަލުވުމުގައި ކައުންސިލްގެ ޕްލޭންހުށަހެޅުއްވިއެވެ. މީގެ އިތުރުން މިހާރު ހިނގަމުންދާ ބައެއް މަޝްރޫޢު ތައް ތަފްޞީލްކޮށްދެއްވިއެވެ. ޚާއްޞަކޮށް މާފަންނަށް ހުރި މަޝްރޫޢުތައް ހާމަކުރެއްވިއެވެ. އެގޮތުން ބޮޑުގޭގައި އިސްމީ މަރުކަޒެއް ތަރައްޤީކުރުމުގެ ޚިޔާލުގެ އިތުރުން ގަޑިބުރުގެ ގަޑި އަލުން އިއާދަކުރުމުގެ ޚިޔާލާއި، ކުރީގެ ރެންޓާލްސް ހުރި ތަނުގައި އޮތް ޕާކް ބުރިބުރިއަށް ނަގާފައިވާ ސައިކަލް ޕާކްކުރާތަނެއް ރެސްޓޯރެންޓަކާއެކު އަދި ތިރީގައި އަންހެނުންގެ މާރުކޭޓަކާއެކު ތަރައްޤީކުރުމުގެ ޚިޔާލާއި، އެހެން ބައެއް ބިންތަކުގައި ގާޑން ޕްލާޒާ ކޮންސެޕްޓައް ވިޔަފާރީގެ ބޭނުމާއި އިޖްތިމާޢި ބޭނުން ހިފޭ ތަންތަން ތަރައްޤީކުރުމާއި، މަލްޓި ލޭޔަރ ކޮންސެޕްޓައް ބައެއް ފުޓްސަލް ދަނޑު ތަރައްޤީކުރުމުގެ ޚިޔާލު ހުށަހެޅުއްވިއެވެ.

މާފަންނުގެ  ގިނަ ޢަދަދެއްގެ ރައްޔިތުން ބައިވެރިވި މި ބައްދަލުވުމުގައި ސިޓީ ކައުންސިލްގެ މަސައްކަތްތަކާބެހޭ ގޮތުންނާއި އަދި އެކިއެކި ކަންކަމާމެދު ދެކޭ ގޮތް ހުށަހެޅުއްވިއެވެ. މޭޔަރގެ އިތުރުން މާފަންނު  މެދު ދާއިރާގެ ކައުންސިލަރ އަދި ޑެޕިއުޓީ މޭޔަރ އަޙުމަދު ނަރީޝް މި ބައްދަލުވުމުގައި ރައްޔިތުންނާ މުޚާޠަބްކުރެއްވިއެވެ.