މާލޭ ސިޓީގެ ގެދޮރުވެރިކަމާބެހޭގޮތުން ރައްޔިތުންގެ ޚިޔާލްހޯދުމުގެ ބައްދަލުވުންބާއްވައިފި

މާލޭ ސިޓީގެ ގެދޮރުވެރިކަމާބެހޭގޮތުން ރައްޔިތުންގެ ޚިޔާލްހޯދުމުގެ ބައްދަލުވުންބާއްވައިފި

2 ހަފްތާ ކުރިން

މާލޭ ސިޓީގެ ގެދޮރުވެރިކަމާބެހޭގޮތުން ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ބައްދަލުވުން މާލޭ ސިޓީ ކައުންސިލުން ބާއްވައިފިއެވެ. މާލޭ ސިޓީގެ ތަރައްޤީގެ ޕްލޭނާއި، ފައިނޭންޝަލް ޕްލޭނާއި، އަންނަ އަހަރަށް ލަފާކުރާ ބަޖެޓާއި، އެކްޝަން ޕްލޭނަށް ޚިޔާލު ހޯދުމުގެ އަވަށު ބައްދަލުވުންތައް ބޭއްވުމަށްފަހު ގެދޮރުވެރިކަމާބެހޭގޮތުން ޚިޔާލު ހޯދުމަށް ބޭއްވި މި ބައްދަލުވުން އޮތީ 2 ސެޕްޓެމްބަރ 2021 ވަނަދުވަހުގެރޭ އިމާދުއްދީން ސްކޫލު ހޯލުގައެވެ.

މޭޔަރ ޑރ. މުޙައްމަދު މުޢިއްޒު، މި ބައްދަލުވުމުގައި،  ގުޅީފަޅުން މާލޭ ރައްޔިތުންނަށް ގޯތިދެވިދާނެގޮތުގެ ޕްލޭ ހުށަހެޅުއްވިއެވެ. މޭޔަރ ވިދާޅުވީ މި ކަމުގައި ހުއްޓުމެއްނެތި މަސައްކަތް ކުރައްވަމުން ގެންދަވާނެކަމަށެވެ. އަދި މިކަމުގައި ސަރުކާރުގެ އެއްބާރުން ލިބޭނެކަމަށް އުއްމީދުކުރައްވާކަމަށެވެ. މި ބައްދަލުވުމުގައި ގޯތިގެދޮރާބެހޭގޮތުން ވަކާލާތުކުރުމަށް އުފެދިފައިވާ ޖަމިއްޔާތަކާ ޖަމާޢަތްތަކުން ބައިވެރިވެ ޚިޔާލާއި ޝުޢޫރުތައް ފާޅުކުރިއެވެ. އަދި ރައްޔިތުންގެ ގިނަ ފަރާތްތަކަކުން ބައިވެރިވެ ދިމާވެފައިވާ ހިތްދަތިގޮތްތައް ބަޔާންކޮށް ގޯތިގެދޮރުގެ ހައްގު މާލޭ ރައްޔިތުންނަށް ލިބެން ޖެހޭނެކަން ބަޔާންކުރިއެވެ.  

ތަރައްޤީގެ ޕްލޭނަށް ޚިޔާލު ހޯދުމަށް ބާއްވާ ބައްދަލުވުންތަކުގެތެރެއިން ގޯތި ގެދޮރުގެ ބައްދަލުވުމަކީ އެންމެ ފަހު ބައްދަލުވުމެވެ. ތަރައްޤީގެ ޕްލޭނަށް ޚިޔާލު ހޯދުމުގެ ބައްދަލުވުންތައް ފެށުނީ މި ދިޔަ އޮގަސްޓް މަހުގެ 5 ވަނަ ދުވަހުގެރޭގައެވެ. ފުރަތަމަ އޮތީ ގަލޮޅުގެ ބައްދަލުވުމެވެ. އޭގެ ފަހުން ވިލިމާލެ، މައްޗަންގޮޅި، މާފަންނު، ހެންވޭރު އަދި ހުޅުމާލޭގެ ބައްދަލުވުންވެސް ވަނީ ބާއްވާފައެވެ. މި ބައްދަލުވުންތަކަކީ މާލޭ ސިޓީގައި ތަރައްޤީގެ ޕްލޭނަށް ޚިޔާލު ހޯދުމަށް މިހާތަނަށް ބޭއްވުނު ފުރަތަމަ ބައްދަލުވުންތަކެވެ. މީގެ ކުރިން ކައުންސިލުން މިފަދަ ބައްދަލުވުންތަކެއް ބާއްވާފައިނުވެއެވެ.

ރޭގެ ބައްދަލުވުމުގައި ކައުންސިލަރުންނާ، އަންހެނުންގެތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުންނާ، ސިޓީ ކައުންސިލްގެ ސެކްޝަންތަކުގެ ވެރިންނާ މުވައްޒަފުންބައިވެރިވެވަޑައިގަތެވެ. 2 ގަޑިއިރަށް ދެމިގެންދިޔަ މި ބައްދަލުވުން ޓީ.ވީ އިންނާއި އެފްބީއިން ލައިވްކުރިއެވެ.