މާލޭ ސީޓިގެ މާލޭގެ މަގުތަކުގެ ޙާލަތު ރަނގަޅުކުރުމަށް މާލޭ ސްޓްރީޓް ސްކޭޕިންގ ޕްރޮޖެކްޓްގެ އެއްބަސްވުމުގައި ސޮއިކޮއްފި

މާލޭ ސީޓިގެ މާލޭގެ މަގުތަކުގެ ޙާލަތު ރަނގަޅުކުރުމަށް މާލޭ ސްޓްރީޓް ސްކޭޕިންގ ޕްރޮޖެކްޓްގެ އެއްބަސްވުމުގައި ސޮއިކޮއްފި

1 އަހަރު ކުރިން

މާލޭ ސީޓިގެ މާލޭގެ މަގުތަކުގެ ޙާލަތު ރަނގަޅުކުރުމަށް މާލޭ ސްޓްރީޓް ސްކޭޕިންގ ޕްރޮޖެކްޓްގެ އެއްބަސްވުމުގައި މާލޭ ސިޓީ ކައުންސިލާއި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާދެމެދު ސޮއިކުރެވިއްޖެއެވެ.

2020 ވަނަ އަހަރުގެ ޖަނަވަރީމަހުގެ 26 ވަނަ ދުވަހު މާލޭ ސިޓީ ކައުންސިލްގެ މާފަންނު އޮފީހުގައި ބޭއްވުނު ރަސްމިއްޔާތެއްގައި މާލޭ ސިތި ކައުންސިލުން ޕްރޮޖެކްޓް ޙަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ މާލޭ ސިޓިގެ މޭޔަރ ޞިފާ މުޙައްމަދެވެ. ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގް ޑައިރެކްޓަރ މޫސާ އަލިމަނިކެވެ.

ދިވެހި ސަރުކާރުން ޚަރަދުކުރައްވައިގެން މާލޭ ސިޓީ ކައުންސިލްގެ ފަރާތުން ހިންގާ މާލޭ ސްޓްރީޓް ސްކޭޕިންގް ޕްރިޖެކްޓަކީ މާލޭގެ މަގުތަކަށް ދިމާވެފައިވާ މައްސަލަތައް ހައްލުކޮށް، ހުރިހާ އުމުރުފުރާއެއްގެ މީހުނަށް ފަސޭހަކަމާއެކު އުޅެވޭނެ ރައްކާތެރި މަގުތަކަށް ހެދުމާއި، ފަސޭހަކަމާއެކު އެއްތަނުން އަނެއްތަނަށް ޒަރޫރީ ބޭނުންތަކަށް ދަތުރުފަތުރުކުރެވޭނެ މަގެއް ހޯދާދިނުމާއި، މަގުތަށް ފެންބޮޑުވުބް ހުއްޓުވައި އަބަދު ކޮނެފަ އޮންނަ އޮތުމަށް ނިމުމެއް ގެނައުމާއި، ހުރިހާ މަގެއްގައިވެސް ދެފަރާތުގައި ގޭގެއިން ނުކުމެ ވަދެލާ އުޅޭފަދަ ޕޭވްމަންޓެއް ޤާއިމްވެފައި އޮތުމާއި، ޢާއްމު ދަތުރުފަތުރުކުރުމުގެ ނިޒާމެއް ޤާއިމްކޮށް ސައިކަލާއި ޓެކްސީއަށް ބަރޯސާވުން ކުޑަކޮއް މަގުތަކުގެ ތޮއްޖެހުން ހުއްޓުވައި، މަގުތަކުގައި ޕާކިންގްގެ ފުރިހަމަ ނިޒާމެއް ޤާއިމްކޮއް ޕާކިންގް ބިލްޑިންގްތައް ޤާއިމްކޮށް، މުދާ ބޭލުމާއި އެރުވުމުގައި މަގުތައް ބޭނުންކުރުމުގެ ފުރިހަމަ އުސޫލެއް އެކަށައަޅައި ތަންފީޒުކުރުމުގެ ބޭނުމުގައި ހިންގާ މަޝްރޫޢުއެކެވެ.

ދެއަހަރާއި ބައިގެ މުއްދަތަށް ހިންގާ މި މަޝްރޫޢުއަށް ގާތްގަނޑަކަށް 462 މިލިއަން ރުފިޔާ ޚަރަދަވާނެކަމަށް އަންދާޒާކުރެވެއެވެ. މަޝްރޫޢުގެ ދަށުން 4 ވައްތަރެއްގެ މަގުތައް ތަރައްޤީކުރާއިރު ޖުމްލަ 18.18.08 ކިލޯމީޓަރގެ މަގު މާލޭގެ އެކި ސަރަޙައްދުތަކުން ހެދޭނެއެވެ.

މި އަދު ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން ޕައިލެޓް ޕްރޮޖެކްޓްގެ ގޮތުގައި މާފަންނު ވެސްޓް ޕާކް ސަރަޙައްދުން 1.94 ކިލޯމީޓަރ ދިގުމިނުގެ މަގުތައް ހެދޭނެއެވެ. މީގައި މި ސަރަޙައްދުގެ 7 މަގެއް ހިމެނެއެވެ. ފުރަތަމަ ސެގްމެންޓަށް 50.96 މިލިއަން ރުފިޔާ ޚަރަދުވާނެއެވެ.

މަގުތަކަށް ގެނެވޭ ބަދަލުގައި މާލޭގެ ފެންބޮޑުވުމަށް ހައްލުގެނައުމާއި، އިމާރާތްކުރުމުގެ ޑީވޯޓަރިންގް މައްސަލައަށް ހައްލުގެނައުމާއި، އެކި އެކި ބޭނުންތަކަށް މަގު ކޮންކޮނުމުގައި މަގުތައް ނުކޮނެ ޕޭވްމަންޓާ ހިސާބުން އެކަންކަން ހަމަޖެއްސޭގޮތަށް ވަނީ ފަރުމާކުރެވިފައެވެ. ހަމައެއާއެކު އަލިފާންނިއްވުމަށް ބޭނުންވާ ފަޔަރ ހައިޑްރަންޓްތަކާއި، މަގުތަކަށް އެކަށޭނަ ހޮޅިދަނޑިތަކާއި، އަދި ކެމެރާ ސިސްޓަމް ހަރުކުރުންވެސް މަޝްރޫޢުގައި ހިމެނެއެވެ.