ތަރައްޤީގެ ޕްލޭނަށް ޚިޔާލު ހޯދުމުގެ ހުޅުމާލޭ ބައްދަލުވުން ބާއްވައިފި

ތަރައްޤީގެ ޕްލޭނަށް ޚިޔާލު ހޯދުމުގެ ހުޅުމާލޭ ބައްދަލުވުން ބާއްވައިފި

4 ހަފްތާ ކުރިން

މާލޭ ސިޓީގެ ތަރައްޤީގެ ޕްލޭނާއި، ފައިނޭންޝަލް ޕްލޭނާއި، އަންނަ އަހަރަށް ލަފާކުރާ ބަޖެޓާއި، އެކްޝަން ޕްލޭނަށް ޚިޔާލު ހޯދުމުގެ ހުޅުމާލޭ ރައްޔިތުންގެ ބައްދަލުވުން ބާއްވައިފިއެވެ. މި އޮގަސްޓް މަހުގެ 21 ވަނަ ދުވަހުގެރޭ ބޭއްވި މި ބައްދަލުވުން އޮތީ ރެހެންދި ސްކޫލު ކޮމްޕައުންޑްގައެވެ.

މޭޔަރ ޑރ. މުޙައްމަދު މުޢިއްޒު، މި ބައްދަލުވުމުގައި ކައުންސިލަށް ޤާނޫނުން ލާޒިމްކުރާ ކަންކަން ރައްޔިތުންނަށް ހާމަކޮއްދެއްވިއެވެ. އަދި މިހާރު ކަންކަން ހަމަޖެހިފައިހުރިގޮތުން، ސިޓީ ކައުންސިލަށް ގާނޫނުން ލާޒިމްކުރާ ޚިދުމަތްތައް ހުޅުމާލޭގައި ދެމުންދަނީ އެޗް.ޑީ.ސީ އިންކަމަށް ވިދާޅުވެ މިކަން ބަދަލުވާންޖެހޭނެކަމަށް ވިދާޅުވިއެވެ. އަދި މިކަމަށް މިހާރުވެސް ކުރައްވަމުންގެންދަވާ މަސައްކަތް ހުއްޓާނުލައްވާނެކަމަށް ވިދާޅުވިއެވެ.

މޭޔަރގެ އިތުރުން ހުޅުމާލޭ ދާއިރާގެ ކައުންސިލަރ އިބްރާހީމް ސުޖާޢު މި ބައްދަލުވުމުގައި ރައްޔިތުންނާ މުޚާޠަބްކުރެއްވިއެވެ. ސުޖާޢު ވިދާޅުވީ ކުރިއަށް އޮތް ދެހަފުތާތެރޭގައި ހުޅުމާލޭގެ ރައްޔިތުންގެ އުފަންދުވަހުގެ ސެޓްފިކެޓް ހުޅުމާލެއިން ހެއްދޭނެކަމަށެވެ. އަދި ހުޅުމާލޭ މަސްވެރިންނަށް، ފަރުމަސްވެރިންވެސް ހިމަނައިގެން މަސްވިއްކޭ ގޮތަށް މަސް މަރުކޭޓެއް އިމާރާތްކުރުމަށް ކައުންސިލް ޖަލްސާއަށް އެޖެންޑާކުރައްވާނެކަމަށެވެ.

ޕްލޭނަށް ޚިޔާލު ހޯދުމުގެ ބައްދަލުވުންތައް ފެށުނީ މި އޮގަސްޓް މަހުގެ 5 ވަނަ ދުވަހުގެރޭ 8:30 ގައި ބޭއްވުނު ގަލޮޅު އަވަށުގެ ބައްދަލުވުމުންނެވެ. އެއަށް ފަހު ވިލިމާލެ، މައްޗަންގޮޅި، މާފަންނު އަދި ހެންވޭރު ބައްދަލުވުން ވަނީ ބާއްވާފައެވެ. މާލޭ ރައްޔިތުންގެ ގެދޮރުވެރިކަމާބެހޭ ގޮތުން ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ބައްދަލުވުމެއް މި އޮގަސްޓް މަހުގެ 26 ވަނަ ދުވަހުގެރޭ ކާނިވާ ސަރަޙައްދުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިއީ މުޅީ މާލޭ ސިޓީއަށް ހުޅުވާލައިގެން ބާއްވާ ބައްދަލުވުމެކެވެ.

ރޭގެ ބައްދަލުވުމުގައި ކައުންސިލަރުންނާ، އަންހެނުންގެތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުންނާ، ސިޓީ ކައުންސިލްގެ ސެކްޝަންތަކުގެ ވެރިންނާ މުވައްޒަފުންބައިވެރިވެވަޑައިގަތެވެ. 2 ގަޑިއިރަށްވުރެ ގިނައިރަށް ދެމިގެންދިޔަ މި ބައްދަލުވުން ޓީ.ވީ އިންނާއި އެފްބީއިން ލައިވްކުރިއެވެ.