ޗައިނާގެ ގައުމީދުވަހުގެ ހެޔޮއެދުންތައް މޭޔަރ ޗައިނާ ސަފީރަށް ފޮނުއްވައިފި

ޗައިނާގެ ގައުމީދުވަހުގެ ހެޔޮއެދުންތައް މޭޔަރ ޗައިނާ ސަފީރަށް ފޮނުއްވައިފި

4 މަސް ކުރިން

ޗައިނާގެ 72 ވަނަ ގައުމީ ދުވަހުގެ ހެޔޮއެދުންތައް، ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ވާންގް ލިޒިންގއަށް މާލޭ ސިޓީގެ މޭޔަރ ޑރ.މުޙައްމަދު މުޢިއްޒު ފޮނުއްވައިފިއެވެ. މޭޔަރ ޑރ.މުޢިއްޒު ތަހުނިޔާ ފޮނުއްވީ އެމަނިކުފާނު މި އޮކްޓޫބަރމަހުގެ 1 ވަނަ ދުވަހު ކުރެއްވި ޓްވީޓަކުންނެވެ.

ޗައިނާގެ ގައުމީ ދުވަހަކީ އޮކްޓޫބަރމަހުގެ 1 ވަނަ ދުވަހެވެ. ޗައިނާގެ ގައުމީދުވަހުގެ ގޮތުގައި ފާހަގަކުރަނީ ވިރާސީ ރަސްކަންނިމި ޑިމޮކްރަސީއަށް ދަތުރުކުރަންފެށިދުވަހެވެ. އެ ދުވަހަކީ ޗައިނާގެ ރައްޔިތުންނަށް ފާހަގަކުރެވޭ ބަދަލެއްގެނުވި ދުވަހެއްކަމުގައި ގަބޫލުކުރާދުވަހެކެވެ. ޗައިނާއާއި ރާއްޖެއާ ދެމެދު ސިޔާސީ ގުޅުން ގާއިމްކުރެވުނީ 1972 ވަނަ އަހަރުއެވެ. އޭގެ ފަހުން ޗައިނާ ފާހަގަވަނީ ފަހަކަށް އައިސް ރާއްޖެއަށް އެކި ރޮނގުރޮނގުން ބޮޑަތި އެހީތެރިކަން ފޯރުކޮއްދޭ ގައުމެއްގެގޮތުގައެވެ. އެގޮތުން ސިނަމާލޭ ބްރިޖާއި، ފްލްޓް މަޝްރޫޢުތަކާއި އެއަރޕޯޓް ބޮޑުކުރުމުގެ މަޝްރޫޢުތައް ފާހަގަކުރެވެއެވެ. އަދި އެކި ރޮނގުރޮނގުން މީހުން ތަމްރީނުކުރުމުގައިވެސް އެހީތެރިކަން ލިބެއެވެ.