މާލޭ ސިޓީގެ މޭޔަރ ވިލިމާލޭ ރައްޔިތުންނާ ބައްދަލުކުރައްވައިފި

މާލޭ ސިޓީގެ މޭޔަރ ވިލިމާލޭ ރައްޔިތުންނާ ބައްދަލުކުރައްވައިފި

1 މަސް ކުރިން

މާލޭ ސިޓީގެ ތަރައްޤީގެ ޕްލޭނާއި، ފައިނޭންޝަލް ޕްލޭނާއި، އަންނަ އަހަރަށް ލަފާކުރާ ބަޖެޓާއި، އެކްޝަން ޕްލޭނަށް ޚިޔާލު ހޯދުމުގެ ވިލިމާލޭ ރައްޔިތުންގެ ބައްދަލުވުން ބާއްވައިފިއެވެ. މި އޮގަސްޓް މަހުގެ 8 ވަނަ ދުވަހުގެރޭ މި ބައްދަލުވުން އޮތީ ވިލިމާލޭ މުޙުޔިއްދީން ސްކޫލު ހޯލުގައެވެ.

މޭޔަރ ޑރ. މުޙައްމަދު މުޢިއްޒު، މި ބައްދަލުވުމުގައި ކައުންސިލްގެ ޕްލޭނާއި އަދި 2022 ވަނަ އަހަރުގެ ބަޖެޓް ހުށަހެޅުއްވިއެވެ. މީގެ އިތުރުން މިހާރު ހިނގަމުންދާ ބައެއް މަޝްރޫޢު ތައް ތަފްޞީލްކޮށްދެއްވިއެވެ. ޚާއްޞަކޮށް ވިލިމާލެއަށް ހުރި މަޝްޜޫޢުތައް ހާމަކުރެއްވިއެވެ. އަދި ވިލިމާލެއާބެހޭގޮތުން ކައުންސިލުން މި ދައުރުގައި ނިންމާފައިވާ މުހިއްމު ނިންމުންތަކުގެ ތަފްޞީލްދެއްވިއެވެ. މޭޔަރ ވިދާޅުވީ ވިލިމާލެ އޮތީ ވަރަށް ބޮޑަށް އިހުމާލުވެފައިކަމަށެވެ. މި ކައުންސިލުން ވިލިމާލޭ އޮފީސް ޑިޕާޓްމަންޓަކަށް ބަދަލުކުރައްވައި މާލެއިން ލިބޭ ހުރިހާ ޚިދުމަތެއް ދިނުމަށް ވަރަށް އަވަހަށް ފައްޓަވާނެކަމަށް ވިދާޅުވިއެވެ.

ވިލިމާލޭގެ ގިނަ ޢަދަދެއްގެ ރައްޔިތުން ބައިވެރިވި މި ބައްދަލުވުމުގައިސިޓީ ކައުންސިލްގެ މަސައްކަތްތަކާބެހޭ ގޮތުންނާއި އަދި އެކިއެކި ކަންކަމާމެދު ދެކޭ ގޮތް ހުށަހެޅުއްވިއެވެ. މޭޔަރގެ އިތުރުން ވިލިމާލޭ ދާއިރާގެ ކައުންސިލަރ ނަހުލާ ޢަލީ މި ބައްދަލުވުމުގައި ރައްޔިތުންނާ މުޚާޠަބްކުރެއްވިއެވެ.

ބައްދަލުވުންތައް ތާވަލުކުރެވިފައިވާގޮތުން ދެން އެންމެ އަވަހަށް އޮންނާނީ މައްޗަންގޮޅީގެ ބައްދަލުވުމެވެ. އެ ބައްދަލުވުން އޮންނާނީ 10 ވަނަ ދުވަހުގެރޭ 8:30 ގައި ބާ ޖަމާލުއްދީން ސްކޫލުގެ ހޯލުގައެވެ. މާފަންނު ބައްދަލުވުން އޮންނާނީ 12 ވަނަ ދުވަހުގެރޭ 8:30 ގައެވެ. ހެންވޭރު ބައްދަލުވުން އޮންނާނީ 14 ވަނަ ދުވަހުގެރޭ 8:30 ގައެވެ. ހުޅުމާލޭ ބައްދަލުވުން އޮންނާނީ 22 ވަނަ ދުވަހުގެރޭ 8:30 ގައެވެ. މި ބައްދަލުވުންތައް އޮންނަ ތަން ފަހުން އިޢުލާންކުރެވޭނެއެވެ.

ރޭގެ ބައްދަލުވުމުގައި ކައުންސިލަރުންނާ، އަންހެނުންގެތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުންނާ، ސިޓީ ކައުންސިލްގެ ސެކްޝަންތަކުގެ ވެރިންނާ މުވައްޒަފުންބައިވެރިވެވަޑައިގަތެވެ. 2 ގަޑިއިރަށް ދެމިގެންދިޔަ މި ބައްދަލުވުން ޓީ.ވީ އިންނާއި އެފްބީއިން ލައިވްކުރިއެވެ.