މާލޭ ސިޓީގެ މޭޔަރ ޤައުމީޓީމާއެކު ގަލޮޅު ދަނޑުގައި

މާލޭ ސިޓީގެ މޭޔަރ ޤައުމީޓީމާއެކު ގަލޮޅު ދަނޑުގައި

2 ހަފްތާ ކުރިން

މާލޭ ސިޓީގެ މޭޔަރ ޑރ.މުޙައްމަދު މުޢިއްޒު ، މިހާރު ކުރިޔަށްދާ ސާފް ޗެމްޕިއަންޝިޕް 2021 ގައި ރާއްޖެ ކުޅުނު ދެވަނަ މެޗު ގައުމީޓީމްގެ ޖާރޒީގައދަނޑަށް ވަޑައިގެން މެޗު ބައްލަވައިލެއްވުމުގައި ބައިވެރިވެވަޑައިގެންފައެވެ. މި މެޗުގައި ރާއްޖެ ބައްދަލުކޮށްފައިވަނީ ބަންގްލަދޭޝްއާއެވެ.

މި މަހުގެ 1 ވަނަ ދުވަހުން ފެށިގެން 16 ވަނަ ދުވަހުގެ ނިޔަލަށް ކުރިޔަށް ދާ މި މުބާރާތުގައި މިރޭ ޤައުމީ ފުޓުބޯޅަ ދަނޑުގައި ކުޅުނު މި މެޗުން ރާއްޖެ މޮޅުވީ 2 ލަނޑު 0 ލަނޑުންނެވެ. މި މެޗަކީ މި މުބާރާތުގެ ހަވަނަ މެޗެވެ. މުބާރާތުގައި ދެން ރާއްޖެ ބައްދަލުކުރާނީ ސްރީލަންކާއާއެވެ. އެއީ މި އޮކްޓޫބަރމަހުގެ 10 ވަނަ ދުވަހުއެވެ. އެއަށްފަހު 13 ވަނަ ދުވަހު ރާއްޖެ ބައްދަލުކުރާނީ އިންޑިޔާއާއެވެ.

މީގެ ކުރިން ރާއްޖެ ވަނީ ސާފް ޗެންޕިއަންޝިޕް 2 ފަހަރު ކާމިޔާބުކޮށްފައެވެ. އެއީ 2008 އަދި 2018 ވަނަ އަހަރު އެވެ.

ސާފް ޗެމްޕިއަންޝިޕަށްޓަކައި މާލެ ތައްޔާރުކުރުމުގެ މަސައްކަތުގެ ވަރަށްބޮޑުބައި އަދާކުރީ މާލޭ ސިޓީ ކައުންސިލުންނެވެ. އެގޮތުން ގަލޮޅު ދަނޑު ތައްޔާރުކުރުމަށް ކުރަންޖެހުނު ކަންކަން އިމަޖެންސީގައި ސިޓީކައުންސިލުންވަނީ ކޮއްދީފައެވެ. އަދި މާލެ ޒީނަތްތެރިކޮށް ގައުމީ ޓީމަށް އޮތް ސަޕޯޓް ހާމަކުރުމަށް ކުރެވުނު މަސައްކަތްތައްވެސް ކުރީ ސިޓީ ކައުންސިލުންނެވެ. މިކަންކަން ފާހަގަކޮށް ގައުމީ ޓީމްގެ ކޯޗްވަނީ ޓްވީޓެއްވެސް ކުރައްވާފައެވެ.