ރައްޔިތުންގެ ޙާލު ބެއްލެވުމަށް މާލޭ ސިޓީގެ މޭޔަރ ނުކުމެވަޑައިގަންނަވަނީ

ރައްޔިތުންގެ ޙާލު ބެއްލެވުމަށް މާލޭ ސިޓީގެ މޭޔަރ ނުކުމެވަޑައިގަންނަވަނީ

4 ހަފްތާ ކުރިން

މާލޭ ސިޓީގެ ގޭގެއަށް ވަޑައިގެން ރައްޔިތުންގެ ޙާލު ބެއްލެވުމަށް ކަނޑައަޅުއްވައި އެ ޕްރޮގްރާމް މިއަދު ފައްޓަވާގޮތަށް މާލޭ ސިޓީގެ މޭޔަރ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ. މިގޮތުން މި ޕްރޮގްރާމަށް މޭޔަރ ޑރ. މުޢިއްޒު މިއަދު ނުކުމެވަޑައިގަންނަވާނެއެވެ.

މޭޔަރ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވާފައިވަނީ މާލޭ ސިޓީ އެކި ސަރަޙައްދުތަކަށް ބަހައި ކަނޑައެޅޭ ސަރަޙައްދުތަކަކަށް  ވަޑައިގެން ރައްޔިތުންގެ ޙާލަތު ބެއްލެވުމަށެވެ. މި ޕްރޮގްރާމްގެ ދަށުން ގޭގެއަށް ވަޑައިގެން ބައްދަލުކުރައްވާ ރައްޔިތުންގެ ފަރާތުން ހުށަހަޅުއްވާ ކަންތައްތައް ނޯޓްކުރައްވައިގެން ދަތިތައް ހައްލުކޮއްދެއްވުމަށް ސިޓީ ކައުންސިލް އިން މަސައްކަތްކުރާނެއެވެ.

ރައްޔިތުންގެ ޙާލު ބެއްލެވުމަށް ގޭގެއަށް ޒިޔާރަތްކުރާނެ ގޮތުގެ ޝެޑިއުލްއެއް ހަދާ ކޮންމެ ހަފުތާއަކުވެސް ދެދުވަހުން އެއް ދުވަހު ގޭގެއަށް ޒިޔާރަތްކުރުމަކީ ހަތަރުވަނަ ދައުރުގެ ކައުންސިލުން ފާސްކޮއްފައިވާ ސްޓްރަޓެޖިކް އެކްޝަން ޕްލޭންގައި ހިމެނިފައިވާ ހަރަކާތެކެވެ. މި އެކްޝަން ޕްލޭން ފާސްކޮއްފައިވަނީ ކައުންސިލްގެ ފުރަތަމަ ޖަލްސާގައެވެ.

މާލޭ ސިޓީއަށް ދިމާވެފައިވާ ތަފާތު މައްސަލަތައް ހައްލުކުރެއްވުމަށް ކައުންސިލުން ގެންދަވަނީ މަސައްކަތްކުރައްވަމުންނެވެ. އޭގެތެރޭގައި ކައުންސިލް ފެންވަރުގައި ކުރެވޭ ކަންތައްތަކާއި ސަރުކާރަށް ހުށަހަޅައިގެން ކުރަންޖެހޭ ކަންކަން ހިމެނެއެވެ.