ކޮވިޑް – 19 އާއި ގުޅިގެން ސަރުކާރުން ހަމަޖެއްސެވި އުސޫލުގެ ދަށުން މާލޭ ސިޓީ ކައުންސިލްގެ ބައެއް ޚިދުމަތްތަކުގެ ގަޑިތަކަށް ބަދަލު ގެންނަވައިފި

ކޮވިޑް – 19 އާއި ގުޅިގެން ސަރުކާރުން ހަމަޖެއްސެވި އުސޫލުގެ ދަށުން މާލޭ ސިޓީ ކައުންސިލްގެ ބައެއް ޚިދުމަތްތަކުގެ ގަޑިތަކަށް ބަދަލު ގެންނަވައިފި

4 މަސް ކުރިން

ކޮވިޑް – 19 އާއި ގުޅިގެން ސަރުކާރުން ހަމަޖެއްސެވި އުސޫލުގެ ދަށުން މާލޭ ސިޓީ ކައުންސިލްގެ ބައެއް ޚިދުމަތްތަކުގެ ގަޑިތަކަށް ބަދަލު ގެންނަވައިފިއެވެ.

މިގޮތުން ގެންނެވި ބަދަލުގެތެރޭގައި އެންމެ މުހިއްމުކަމެއްގެ ގޮތުގައި ފާހަގަކޮއްލެވެނީ ޢާއްމު ޚިދުމަތްތަކާބެހޭ ބައިގެ މަސައްކަތްތަކުގެ ގަޑިތަކެވެ. އެގޮތުން، ކުރިން ޢާއްމުކޮށް ރޭގަނޑުގެ ވަގުތުގައި ކުރަމުން އައި މަގު ބަންދުކޮށްގެން މަސައްކަތްކުރުމުގެ ގަޑިވަނީ ހެނދުނު 09:00 އިން މެންދުރުފަހު 15:00 އަށް ބަދަލުކުރައްވާފައެވެ. ހަމައެއާއެކު މަގު ބަންދުކުރުމުގެ ހުއްދައާއި، މަގުމަތީ މަސައްކަތްކުރުމުގެ ހުއްދައާއި، ބޯޑު ދޫކުރުން އަދި ބަލައިގަތުމުގެ ވަގުތުތައް ވަނީ އަލުން ތަރުތީބުކޮށް، ކޮންމެ ހަފުތާއެއްގެ ހޮނިހިރު، ހޯމަ އަދި ބުދަދުވަހުގެ ހެނދުނު 08:00 ން މެންދުރު 12:00 އަށް ހުއްދަ ދޫކުރުން ހަމަޖައްސައި، އެ ހުއްދަތަކަށް ބޯޑު ދޫކުރުން މަސައްކަތްކުރުމަށް ހަމަޖެހިފައިވާ ދުވަހުގެ ހެނދުނު 08:00 އިން 12:00 އަށް އަދި ބޯޑު ބަލައިގަތުން ޖެހިގެން އަންނަ ދުވަހުގެ ހެނދުނު 08:00 އިން 12:00 އަށް ބަދަލުކުރައްވާފައެވެ.

ހަމއެއާއެކު މާލޭ ސިޓީގެ މާރުކޭޓްތަކުގެ ޚިދުމަތްދޭ ގަޑިތަކަކީ ހެނދުނު 06:00 އިން ހަވީރު 16:00 އަށް ކަމުގައިވެސް ވަނީ ހަމަޖައްސަވާފައެވެ.

މާލޭ ސިޓީ ކައުންސިލުން މިގޮތަށް ހަމަޖައްސަވާފައިވަނީ 01 އެޕްރީލް 2020 ވަނަ ދުވަހުންފެށިގެންނެވެ. މިގޮތަށް ހަމަޖެއްސެވީ ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ނަމްބަރ 29/2020 ( 1 އެޕްރީލް 2020) އަމުރުން މާލެއާއި، ވިލިމާލެއާއި، ހުޅުމާލޭގައި ހިނގަމުންދާ އިމާރާތްކުރުމުގެ އެންމެހައި މަސައްކަތްތައް، ހަވީރު 5:00 އިން ފެށިގެން ހެނދުނު 06:00 އަށް މެދުކަނޑާލުމަށް އެންގެވުމާގުޅިގެންނެވެ. އަދި ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ނަމްބަރ 28/2020 ( 1 އެޕްރީލް 2020 ) ގެ އަމުރުން ޗަކި އެއްޗެއް އަންގަވަންދެން ހަވީރު 17:00 އިން ރޭގަނޑު 20:00 އަށް އެއްގަމު އުޅަނދުފަހަރު ދުއްވުމާއި މަގުމަތީގައި މީހުން އުޅުން ހުއްޓުވުމާ ގުޅިގެންނެވެ.