މާރުކޭޓްތަކުގެ ގޮޅިތައް ކުއްޔަށްދިނުމަށް ހުޅުވާލައިފި

މާރުކޭޓްތަކުގެ ގޮޅިތައް ކުއްޔަށްދިނުމަށް ހުޅުވާލައިފި

2 ހަފްތާ ކުރިން

މާލޭ ސިޓީ ކައުންސިލުން ބަލަހައްޓަމުންގެންދާ މާރުކޭޓްތަކުގެ ގޮޅިތައް ކުއްޔަށް ދިނުމަށް އާއްމުކޮށް ހުޅުވާލައިފިއެވެ.

މާލޭ ސިޓީ ކައުންސިލުން 2021 ޖުލައި 10 ވަނަ ދުވަހު މިކަން ޢާއްމުކޮށް ހުޅުވާލައި ކުރި އިޢުލާންގައިވާގޮތުން ގޮޅި ކުއްޔަށް ދޫކުރަނީ ދަތުރުވެރިންގެ މަރުކޭޓާއި ލޯކަލް މާރުކޭޓުންނެވެ. މި ދެ މާރުކޭޓުން ޖުމްލަ 349 ގޮޅި ކުއްޔަށް ދޫކުރުމަށް ވަނީ ހަމަޖައްސާފައެވެ. އެއީ ލޯކަލް މާރުކޭޓުން 186 ގޮޅިއާއި ދަތުރުވެރިންގެ މާރުކޭޓުން 163 ގޮޅިއެވެ. ލޯކަލް މާރުކޭޓްގެ ގޮޅިތަކުގެތެރޭގައި ހިމެނެނީ ތަރުކާރީއާއި މޭވާ ވިއްކުމަށް ޚާއްޞަ 100 ގޮޅިއާއި، ވަޅޯމަސް ވިއްކުމަށް ޚާއްޞަ 32 ގޮޅިއާއި، ލުއިކާނާއާއި ސޮފްޓް ޑްރިންކްސް ވިއްކުމަށް ޚާއްޞަ 35 ގޮޅިއާއި، ” ގަޑިކަމަރު ” ވިއްކުމަށް ޚާއްޞަ 19 ގޮޅިއެވެ.

ގޮޅިތައް ކުއްޔަށް ދިނުމަށް ކަނޑައަޅާފައިވާ ރޭޓަކީ އަކަފޫޓަކަށް 31.25 ރުފިޔާގެ ރޭޓުން ގޮޅީގެ ބޮޑުމިނަށް ހިސާބުހެދީމައި ޖެހޭ އަގެވެ. މި ރޭޓުން ހިސާބުކުރުމުން އެންމެ ބޮޑު ގޮޅިއަށް ޖެހެނީ 2000.00 ރުފިޔާއެވެ. ގޮލީތަށް ދޫކުރުމަށް ހަމަޖެހިފައިވަނީ 2 އަހަރުދުވަހުގެ މުއްދަތަށެވެ.

މާރުކޭޓް ގޮޅިތަކަށް ކުރިމަތިލާ ފަރާތްތަކަށް ޕޮއިންޓް ދިނުމުގައި މިފަހަރު ބަލާނީ ގޮޅި ލިބިފައިވާ ފަރާތްތަކުގެތެރެއިން، ގޮޅި ލިބިފައިވާ މުއްދަތުގައި އަމިއްލައަށް ގޮޅި ހިންގާ ކޮންމެ ފަރާތަކަށް 30 ޕޮއިންޓް، ސޭޓެއްގެ ގޮތުގައި ނުވަތަ އެހީތެރިއެއްގެ ގޮތުގައި ހުރެގެން ގޮޅި ހިންގާ ފަރާތެއްނަމަ 15 ޕޮއިންޓް، ގޮޅި ހިންގާތަން 3 އަހަރުވެފައިވާނަމަ 45 ޕޮއިންޓެވެ. މި ބަޔަށް ޕޮއިންޓް ދިނުމުގައި 2 އަހަރުވެފައިވާނަމަ 30، އަދި 1 އަހަރުވެފައިވާނަމަ 15 ޕޮއިންޓް ދޭގޮތަށް ގިންތިކޮށްފައިވެއެވެ.

ގޮޅިކުއްޔަށް ހިފަން އެދި ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ އެއް ފޯމްކަމަށް ބަޔާންކޮށްފައިވެއެވެ. އަދި އެމީހަކު އެދޭ މާރުކޭޓެއް ފާހަގަކުރަންޖެހޭގޮތަށް ވަނީ ހަމަޖައްސާފައެވެ. ގޮޅި ދޫކުރުމުގައި ބަލަނީ 50 ޕޮއިންޓަށްވުރެ މަތިން ލިބޭ ފަރާތްތައް ގުރުއަތުލައިގެންނެވެ. ގުރުއަތުލުމުގައި މާރުކޭޓްގެ ގޮޅިތަކުގެ ވިޔަފާރިތަކަށް ބަލައިގެން ގިންތިކުރުމަށްފަހު އެ ގިންތިއަކަށް އެދުނު ފަރާތްތަށް އެ ގިންތިއަކަށް ހަމަޖެހިފައިވާ ގޮޅިތަކުގެ ގިންތިއަށް ލައި ގުރުއަތުލާގޮތަށެވެ.

މާރުކޭޓް ގޮލީތަށް އަލުން ކުއްޔަށް ދިނުމަށް ހުޅުވާލީ މިހާރު ހުރި ގޮޅިތަށް ދޫކުރި މުއްދަތު ހަމަވެފައިވާތީއެވެ. މިފަހަރު މާރުކޭޓް ގޮޅިތަކަށް  އެދޭފަރާތްތަކުން އޮގަސްޓޤ ދެވަނަ ދުވަހުގެ 14:00 ކުރިން ފޯމު ހުށަހަޅަންޖެހެއެވެ.

މާލޭ ސިޓީ ކައުންސިލުން ވަނީ ރަސްމީ ޢާއްމު ޖަލްސާގައި ފާސްކުރި ” މާރުކޭޓްތައް ކުއްޔަށް ދިނުމާބެހޭ އުސޫލު ” ވެބްސައިޓްގައި ޢާއްމުކޮށްފައެވެ.