މާލޭގައި ތޮއްޖެހިގެން ދިރިއުޅޭ ބިދޭސީން އެހެން ތަންތަނަށް ބަދަލުކުރުމުގެ މަސައްކަތް ފަށައިފި

މާލޭގައި ތޮއްޖެހިގެން ދިރިއުޅޭ ބިދޭސީން އެހެން ތަންތަނަށް ބަދަލުކުރުމުގެ މަސައްކަތް ފަށައިފި

1 އަހަރު ކުރިން

ކޮވިޑް-19 އާއި ގުޅިގެން ދިމާވެދާނެ ނުރައްކާތެރި ޙާލަތަކުން ރައްކާތެރިކަން ހޯދައިދިނުމުގެ ފިޔަވަލެއްގެ ގޮތުން، މާލޭގައި ތޮއްޖެހިގެން ދިރިއުޅޭ ބިދޭސީން އެހެން ތަންތަނަށް ބަދަލުކުރުމުގެ މަސައްކަތް ފަށައިފިއެވެ.

މާލޭ ސިޓީ ކައުންސިލާ، މޯލްޑިވްސް އިމިގްރޭޝަންއާއި، ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއި، މިނިސްޓްރީ އޮފް އޮކޮނޮމިކް ޑިވެލޮޕްމަންޓާއި، މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްއާއި، މޯލްޑިވްސް ޕޮލިސް ސަރވިސް ގުޅިގެން ފެށި މި މަސައްކަތުގެ ދަށުން މިއަދު ހެނދުނު ވަނީ 200 ބިދޭސީން އެހެން ތަނަކަށް ބަދަލުކޮށްފައެވެ.

މި މަސައްކަތުގެ ދަށުން މިހިނދަށް ބިދޭސީން ބަދަލުކުރަމުން ގެންދަނީ އެޗް.ޑީ.ސީ،ގެ ފަރާތުން ހަމަޖައްސަވާފައިވާ 800 މީހުންގެ ޖާގައިގެ ތަނަކަށެވެ. މިގޮތުން ބަދަލުކުރަމުން ގެންދަނީ ތޮއްޖެހިފައިވާ ގޮތަށް ދިރިއުޅެމުން ގެންދާ ބިދޭސީންނެވެ. ބަދަލުކުރުމުގައި އެކިތަންތަނުގައި މަސައްކަތްކުރާ ބިދޭސީން ހިމެނެއެވެ. އަދި ބަދަލުކުރުމަށް ފަހު އެމީހުންގެ ރަޖިސްޓްރީހަދައި އެމީހަކު މަސައްކަތު ދާންޖެހޭ ތަނަކަށް ގެންގޮސްދިނުމަށް ބަސްދަތުރުތަށް، ޢާއްމު ދަތުރުތަކުގެ އިތުރުން މިކަމަށް ޚާއްޞަކޮށް ހަމަޖައްސައި ދިނުމަށް ވަނީ ހަމަޖެހިފައެވެ.

12 އެޕްރީލް 2020 ވަނަ ދުވަހު ފަތިހު 5:30 ގައި ސިޓީ ކައުންސިލްގެ ޢާއްމު ކީދުމަތްތަކާބެހޭ ބައިގައި ފެށުނު މި މަސައްކަތުގައި ކަމާބެހޭ ހުރިހާ މުވައްސަސާއަކުން ބައިވެރިވެފައިވެއެވެ. އަދި މިކަން ކޯޑިނޭޓްކޮށް ހިނގުމުގެ މަރުކަޒެއްކަމުގައި ހަމަޖައްސާފައިވަނީ ސިޓީ ކައުންސިލްގެ ޢާއްމު ޚިދުމަތްތަކާބެހޭ ބައެވެ.

މިއީ ކޮވިޑް-19 ރޯގާއާއި ގުޅިގެން ބިދޭސީންގެ ތެރޭގައި ބަލި ފެތުރޭގޮތް ވެއްޖެނަމަ ދިމާވެދާނެ ނުރައްކާތެރި ކަންތައްތަކަކޫން ސަލާމަތްވުމަށް އަޅާ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެތެރެއިން ފިޔަވަޅެކެވެ. މި ރޯގާއާއި ގުޅިގެން މާލޭ ސިޓީ ކައުންސިލުން ވަނީ ގްރޭޓަރ މާލޭގައި ސަރވޭކޮށް ބިދޭސީން ދިރިއުޅޭ ތަންތަނާއި އެތަންތަނުގައި ދިރިއުޅޭ ބިދޭސީންގެ މައުލޫމާތާއި ޙާލަތުތަށް ދެނެގަނެ ސަރުކާރުގެ ކަމާބެހޭ މުވައްސަސާތަކަށް ހުށަހަޅާފައެވެ.