ލޭންޑްޔޫސް ޕްލޭން ހެދުމަށާއި ރައްޔިތުންގެ ޚިޔާލު ހޯދުމަށް ބާއްވާ ރައްޔިތުންގެ ބައްދަލުވުންތައް އީދު ބަންދަށްފަހު ފެށޭނެކަމަށް މޭޔަރ ވިދާޅުވެއްޖެ

ލޭންޑްޔޫސް ޕްލޭން ހެދުމަށާއި ރައްޔިތުންގެ ޚިޔާލު ހޯދުމަށް ބާއްވާ ރައްޔިތުންގެ ބައްދަލުވުންތައް އީދު ބަންދަށްފަހު ފެށޭނެކަމަށް މޭޔަރ ވިދާޅުވެއްޖެ

1 ހަފްތާ ކުރިން

މާލޭސިޓީގެ މާލެ އަދި ވިލިމާލޭގެ ލޭންޑްޔޫސް ޕްލޭނެ ހެދުމަށާއި ރައްޔިތުންގެ ޚިޔާލު ހޯދުމަށް ބާއްވާ ރައްޔިތުންގެ ބައްދަލުވުންތައް ބޮޑު އީދު ބަންދަށް ފަހު ފެށޭނެކަމަށް މާލޭ ސިޓީގެ މޭޔަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. މި ޖުލައިމަހުގެ 15 ވަނަ ދުވަހުގެ ރޭ ބޭއްވެވި ހަފުތާ ޕްރެސްކޮންފަރެންސްގައި މޭޔަރ ވިދާޅުވީ އެޗްޕީއޭގެ ގައިޑްލައިންނަށް އިޢާޔަތްކޮށް ސިޓީ ކައުންސިލުން ހުށަހެޅި ގައިޑްލައިނާ އެއްގޮތަށް ބައްދަލުވުންތަށް ބޭއްވުމުގެ ހުއްދަ މިހާރު ދެއްވާފައިވާކަމަށެވެ.

މާލޭގެ ލޭންޑް ޔޫސް ޕްލޭން ހެދުމުގެ ބައްދަލުވުންތައް މިހާރުވަނީ ކައުންސިލުން ނިންމައި ޝެޑިއުލްކުރެވިފައެވެ. ކޮންމެ އަވަށެއްގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ބައްދަލުވުންތައް ފެށޭނީ އޮގަސްޓް 5 ވަނަ ދުވަހު ގަލޮޅު އަވަށުންނެވެ. ކޮންމެ ބައްދަލުވުމެއް ވެސް ފެށޭނީ ރޭގަނޑު 8:30 ގައެވެ. މި ހާރު ތާވަލްކުރެވިފައިވަނީ ގަލޮޅުގެ ބައްދަލުވުން 5 ވަނަ ދުވަހުގެރޭ، ވިލިމާލެ 8 ވަނަދުވަހުގެރޭ، މައްޗަންގޮޅި 10 ވަނަދުވަހުގެރޭ، މާފަންނު 12 ވަނަދުވަހުގެރޭ، އަދި ހެންވޭރު 14 ވަނަ ދުވަހުގެރެއަށެވެ. ގަލޮޅު ބައްދަލުވުން އޮންނާނީ ސިޓީ ޕާކްގައެވެ. ވިލިމާލޭ ބައްދަލުވުން އޮންނާނީ ފުޓްބޯޅަ ދަނޑުގައެވެ. މައްޗަންގޮޅި ބައްދަލުވުން އޮންނާނީ މާފަންނު ޓާފް ދަނޑުގައެވެ. މާފަންނު ބައްދަލުވުން އޮންނާނީ ރަސްފަންނުގައެވެ. ހެންވޭރު ބައްދަލުވުން އޮންނާނީ ލޮނުޒިޔާރަތް ޕާކްގައެވެ.

މި ބައްދަލުވުންތަކުގައި މަޝްވަރާކުރެވޭނެ މައިގަނޑު ކަންތައްތައްކުގެތެރޭގައި ލޭންޑް ޔޫސް ޕްލޭންހެދުމަށް ޚިޔާލު ހޯދުމާއި، ގެދޮރުވެރިކަމުގެ މަޝްރޫޢުތައް ހިންގުމާއި، ގުޅީފަޅުން ގޯއްޗާއި ފްލެޓް ދޭނެ ބިންކަނޑައެޅުމާމެދު ޚިޔާލު ހޯދުމާ، އިމާރާތްކުރުމުގެ މަސައްކަތަށް މަގުބަންދުކުރުމުގެ ވަގުތާ ބެހޭގޮތުންނާއި، މަގު ހިނގާ މީހުނަށް އުނދަގޫވާގޮތަށް ހުންނަ ކަންކަން ރަނގަޅުކުރުމާބެހޭގޮތުންނާއި، މަގުމަތީ ބުޅަލުގެ ކަންކަން ރަނގަޅުގޮތުގައި ހަމަޖެއްސުމާބެހޭގޮތުންނާއި، އެއްގަމު އުޅަނދު ދުއްވުން މަނާ ގޯޅިތަކާބެހޭގޮތުންނާއި، ޓްރެފިކް ވާޑުން ތަޢާރަފްކުރުމާ، ޕާކިންގް ބިލްޑިންގްތައް އަޅާނެ ތަންތަނާބެހޭގޮތުންނާއި، ފުޓްސަލް ދަނޑާއި ނެޓްބޯލް ކޯޓްތައް އަޅާނެ ތަންތަނާބެހޭގޮތުން މަޝްވަރާކުރުން ހިމެނެއެވެ. މީގެ އިތުރުން އެ އަވަށަކަށް ޚާއްޞަ ބައެއްކަންކަމާބެހޭގޮތުންވެސް މަޝްވަރާކުރެވޭނެއެވެ. އެގޮތުން މާފަންނު ބޮޑުގޭގައި މިސްކިތެއް އެޅުންފަދަ ކަންކަމާއި ސިޓީ ޕާކް ގައި ރަނގަޅު ފެންވަރުގެ ޕާކެއް ތަރައްޤީކުރުން ފަދަ ކަންކަން ހިމެނެއެވެ.

ލޭންޑް ޔޫސް ޕްލޭން ހެދުމާބެހޭގޮތުން މިހާތަނަށް ވަނީ ރައްޔިތުންގެ ބައްދަލުވުމެއް ބާއްވައި ޚިޔާލު ހޯދާފައެވެ. މީގެ އިތުރުން ވަކިވަކި މުވައްސަސާތަކާ ކުލަބް ޖަމިއްޔާ ޖަމާޢަތްތަކާ އެސޯސިއޭޝަންތަކާ އެކުވެސް ސިޓީ ކައުންސިލުން ވަނީ ގިނަ ބައްދަލުވުންތަކެއް ބާއްވައި ޚިޔާލު ހޯދާފައެވެ.