ސްޓެލްކޯ އިންޖީނުގެތަކުން އުނދަގޫވާ ފަރާތްތަކަށް އެހެން ސަރަޙައްދަކުން ގޯތި ލިބެންޖެހޭކަމަށް މޭޔަރ ވިދާޅުވެއްޖެ

ސްޓެލްކޯ އިންޖީނުގެތަކުން އުނދަގޫވާ ފަރާތްތަކަށް އެހެން ސަރަޙައްދަކުން ގޯތި ލިބެންޖެހޭކަމަށް މޭޔަރ ވިދާޅުވެއްޖެ

3 ހަފްތާ ކުރިން

ސްޓެލްކޯގެ އިންޖީނުގެތަކުން އުނދަގޫވާ ފަރާތްތަކަށް އެހެން ސަރަޙައްދަކުން ގޯތި ލިބެންޖެހޭކަމަށް މާލޭ ސިޓީގެ މޭޔަރ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 25 އޯގަސްޓް 2021 ވަނަ ދުވަހު ބޭއްވުނު މާލޭ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ 15 ވަނަ ރަސްމީ ޢާއްމު ޖަލްސާއަށް ފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި މޭޔަރ ވިދާޅުވީ މި ގޯތިތަކާ އިންޖީންތަކާ ހުރީ މަގެއްގެ ފުޅާމިންކަމަށެވެ. އެއީ 15 ވަރަކަށް ފޫޓުކަމަށެވެ. އަދި މިކަކަމީ އެ ރައްޔިތުން 13 އަހަރު ވަންދެން ތަހައްމަލްކުރަމުން އަންނަކަމެއްކަމަށެވެ. މިއީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެކަމެއް ނޫންކަމަށް މޭޔަރ ވިދާޅުވިއެވެ.

” އެހާ ކައިރީގައި އިންޖީނުގެތަށް ހުރުމުން ވަރަށް ބޮޑަތި ގެއްލުންތައްވޭ. އެއީ ޓޯޗަރ ”  މޭޔަރ ވިދާޅުވިއެވެ. ” މާލޭ ސިޓީ ކައުންސިލުން ގަބޫލުކުރާ ގޮތުގައި މިއީ އެއްގޮތަކަށްވެސް ރައްޔިތުންނަށް ކުރިމަތިވެގެންވާނޭ ޙާލަތެއްނޫން” މޭޔަރ އިތުރަށް ވިދާޅުވިއެވެ. މޭޔަރ ފާހަގަކުރެއްވި ގޮތުގައި މި ކަމަކީ މި ގޯތިތަކުގައި ދިރިއުޅޭ ފަރާތްތަކުން 13 އަހަރު ވަންދެން ތަހައްމަލްކުރަމުންއަންނަކަމެކެވެ. އެހެންކަމުން މި ގޯތިތަކުގެ ބަދަލުގައި މާލެއިން ނުވަތަ ހުޅުމާލެއިން އެ ފަރާތްތަކަށް ގޯތި ލިބެންޖެހޭކަމަށެވެ.

މި ގޯތިތަކުގެ ތާރީޚަށް ބަލާއިރު މިއީ ތީމުގެ މަޝްރޫޢު ހިންގިއިރު އެ ސަރަޙައްދުން ބަދަލުކުރި ގޯތިތަކެކެވެ. އޭރު ކައިރީގައި އިންޖީނު ތަކެއް ނެތެވެ. ގޯތިތަކާ އިންޖީނުތަކާ ކައިރިވީ ސްޓެލްކޯއިން އެ ސަރަޙައްދުގެ މަގުތަކާއެއްކޮށް ހިފައި އިންޖީނުތައް ބެހެއްޓުމުގެ ސަބަބުންނެވެ.

މާލޭ ސިޓީ ކައުންސިލުންވަނީ އޮގަސްޓް 25 ވަނަ ދުވަހު މި ގޯތިތަކައި ދިރިއުޅޭ ފަރާތްތަކާ ބައްދަލުކޮށް އެ ފަރާތްތަކުގެ ޝާކުވާތަށް އަޑުއަހާފައެވެ. ހަމައެފަދައިން މަޖްލިހުގެ ކޮމީޓީއަށް ހާޒިވެ މިކަންކަމުގެ މައުލޫމާތުތަށް ވަނީ ހިއްސާކުރައްވާފައެވެ.